އިތުރު މަޝްރޫއެއް ނުހިންގޭ ގޮތަށް ރިސޯޓުތަކުގެ ސަރަހައްދު ބޮޑު ކުރެވޭ ގޮތަށް ހަދައިފި

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައި ހުރި ތަންތަނުގެ ވަށައިގެން ހުރި ރަށްތަކާއި ފަޅު އަދި ފިނޮޅުތައް ހިމަނައިގެން ޓޫޫރިސްޓު ރިސޯޓުގެ ސަރަހައްދު އިތުރު 50 ހެކްޓަރާ ހަމައަށް ބޮޑު ކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ގަވައިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓްރީން އިއްޔެ ގެޒެޓް ކުރި އެ އިސްލާހުގައިވާ ގޮތުން، މިގޮތަށް ރިސޯޓު ސަރަހައްުދު ބޮޑު ކުރުމުގެ ފުރުސަތު ދެނީ 250 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ނުވަތަ އިންވެސްޓް ކުރަން ހުށަހަޅާ ފަރާތްތަކަށެވެ.
ތަފްސީލު - އެ އިސްލާހުގައިވާ ގޮތުން، ޓޫރިޒަމްއަށް ދޫކޮށްފައިވާ ފަޅުގެ ނުވަތަ ރަށުގެ ސަރަހައްދުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 1،000 މީޓަރުގެ ރޭޑިއަސްއެއް ތެރޭ ހިމެނޭ 50 ހެކްޓަރަށް ވުރެ ބޮޑު ނޫން ފަޅު ނުވަތަ ރަށް ނުވަތަ ފިނޮޅު، ޝަރުތުތަކަކާ އެކު އެ ފަރާތަކަށް ކުށްޔަށް ދޫކޮށްފައިވާ ތަނުގެ ސަރަހައްދުގެ ގޮތުގައި ހިމެނިދާނެ އެވެ. އަދި އެކަމަށް އަގެއް ނަގާ ގޮތަށް ހިމަނާފައިވެ އެވެ. 
ރިސޯޓުގެ ސަރަހައްދުގެ ގޮތުގައި އިތުރު ކުރާ ސަރަހައްދުގައި ހިމެނޭ ރަށުގައި ނުވަތަ ފަޅުގައި ނުވަތަ ފިނޮޅުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގައިގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާން ކުރެ އެވެ. އޭގެ އިތުރުން:
މިގޮތަށް ސަރަހައްދު އިތުރު ކުރެވެނީ ރިސޯޓު ކުއްޔައް ހިފައިވާ މުއްދަތުން ބާކީ އޮތް މުއްދަތަށް
ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ އަދި ޓެކްސް ގަވައިދުން ދައްކާފައިވުން
މިގޮތަށް ސަރަހައްދު ބޮޑު ކުރުމަށް އަގެއްގެ ގޮތުގައި ނަގަނީ، ބޮޑު ކުރާ ނިސްބަތަކަށް ބަލައި އެކުއިޒިޝަން ފީއަކާއި ކޮންމެ އަހަރަކު ހަތަރު ބަޔަށް ބަހާލައިގެން ނުވަތަ ކުއާޓަލީ ދައްކަން ޖެހޭ ކުލީގެ ފީއެކެވެ.
އެކުއިޒިޝަން ފީ:
20 ހެކްޓަރަށް ވުރެ ކުޑަ ތަނެއް ނަމަ، 5 ލައްކަ ޑޮލަރު
30 ހެކްޓަރަށް ވުރެ ކުޑަ ނަމަ، 1 މިލިއަން ޑޮލަރު
40 ހެކްޓަރަށް ވުރެ ކުޑަ ނަމަ، 1.5 މިލިއަން ޑޮލަރު
50 ހެކްޓަރަށް ވުރެ ކުޑަ ނަމަ، 2 މިލިއަން ޑޮލަރު
އަހަރަކު ހަތަރު ފަހަރު ދައްކަން ޖެހޭ ކުލި:
20 ހެކްޓަރަށް ވުރެ ކުޑަ ތަނެއް ނަމަ، 1 ލައްކަ ޑޮލަރު
30 ހެކްޓަރަށް ވުރެ ކުޑަ ނަމަ، 2 ލައްކަ ޑޮލަރު
40 ހެކްޓަރަށް ވުރެ ކުޑަ ނަމަ، 3 ލައްކަ ޑޮލަރު
50 ހެކްޓަރަށް ވުރެ ކުޑަ ނަމަ، 4 ލައްކަ ޑޮލަރު
މި ބަދަލަށް އަމަލު ކުރަން ފަށަން ހިމަނާފައި އޮތީ އިއްޔެއިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ