ހޮންކޮންގުގައި މީހުން ދިރިއުޅޭ އިމާރާތެއްގައި ރޯވެ، ހަތަރު މީހަކު މަރުވެއްޖެ
ހޮންކޮންގުގެ އުތުރުގެ ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތެއްގައި ރޯވެ، ހަތަރު މީހަކު މަރުވެއްޖެއެވެ. ހޮންކޮންގްގެ އިމަޖެންސީ ސާވިސްތަކުން އަލިފާންގަނޑު ކޮންޓްރޯލް ކުރަމުން އަންނައިރު، އެ ސަރަހައްދުން ބޯ، ކަޅު ދުން އަރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަލިފާން ރޯވެފައި ވަނީ ވަރަށް އުސް އިމާރާތެއްގައި ކަމުން އިމާރާތުގެ ތެރޭގައި އެތައް ބަޔަކު ތާށިވެފައި ތިބި ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު އާރުޓީއެޗްކޭއިން ބުނެއެވެ. ފުލުހުންނާ ހަވާލާދީ ވިއޮން ނޫހުން ބުނީ އެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އަލިފާން ނިއްވުމަށް މަސައްކަތްކުރި ބައެއް މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އިމާރާތުން އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަނީ. ފޮޓޯ/އޭޕީ މީހުން ދިރިއުޅޭ އެ އިމާރާތަކީ އަށް ބްލޮކެއްގެ މައްޗަށް އެކުލެވޭ ވަންގް ފުކް ކޯޓެވެ. އެ އިމާރާތުގައި 2،000 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ޔުނިޓް ހުރެއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިމާރާތުގެ ވަށައިގެންވާ ބައެއް ޓަވަރުތަކުގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. ރޮއިޓާސް ނޫހުން ބުނި ގޮތުގައި ފަޔާ ޑިޕާޓްމަންޓަށް އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ހޮންގްކޮންގް ގަޑިން މިއަދު މެންދުރު 2:51 ހާއިރެވެ. ހޮންކޮންގުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޓައި ޕޯ ހައިވޭގެ ބޮޑު ބައެއް ބަންދުކޮށް ބަސްތައް ޑައިވާޓް ކުރަމުންދާ ކަމަށެވެ. ތާށިވެފައި ތިބި މީހުންގެ އަދަދާއި އަލިފާން ރޯވާން މެދުވެރިވި ސަބަބުގެ ތަފުސީލެއް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ