ޝަހީމް މިހާރު ވިދާޅުވަނީ އިސްލާމީ މާހައުލެއްގައި ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިކުރުން ރަނގަޅު ކަމަށް

ހައްޖު ކޯޕަރޭޝަނުން ހަލާލު ޓޫރިޒަމްގެ ވިޔަފާރިކޮށްގެން ފައިސާ ހޯދުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް 'ހަލާލް ޓޫރިޒަމަށް' އިންވެސްޓު ކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމާފައިވެ އެވެ.
އެކަމާ ގުޅިގެން މީގެ ކުރިން ޝަހީމް ވަނީ 'މިހާރު' ނޫހަށް ދެއްވި އިންޓަވިއުއެއްގައި، އެ ކޯޕަރޭޝަނުން ޓޫރިޒަމްގެ އެއްވެސް ވިޔަފާރިއަކަށް ވަނުމަކީ އޭނާ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އެކަން ހުއްޓުވަން މިނިސްޓަރު އެއްވެސް މަސައްކަތެއް ކުރައްވާފައިވޭތޯ ބެއްލެވުމަށް، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މިނިސްޓަރު ހާޒިރުކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރު ޝަހީމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން، ޖަވާބު ދެއްވި އެވެ.
ތަފްސީލް - ޝަހީމް ފުރަތަމަ ވިދާޅުވީ މިހާރު އޮންނަ ގޮތުން ހައްޖު ކޯޕަރޭޝަންގެ ބޯޑުން ނިންމާ އެ ކުންފުނީގެ އެތެރޭގެ ނިންމުންތަކަށް އިސްލާމިކް މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ.
ދެން ވިދާޅުވީ ހައްޖަށް ދިއުމަށް މީހުން ދައްކާ ފައިސާ، އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހައްޖުގެ ހިދުމަތުގެ އަގުހެޔޮކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ދުރާލާ ރާވައިގެން އިންވެސްޓްމަންޓްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްޖު ކޯޕަރޭޝަނުން ކުރާ އިންވެސްޓްމަންޓްތަކަކީ އެއްވެސް ޝުބުހައެއް ނެތް އިންވެސްޓްމަންޓްތަކަކަށް ވާން ޖެހޭނެ. އެހެނީ ހައްޖަކީ ނުހަނު މަތިވެރި އަޅުކަމަކަށް ވާތީވެ. އެ އަޅުކަމުގެ ހިދުމަތް ދޭން ވެގެން ހޭދަކުރާ ފައިސާއަކީ ނުހަނު ތާހިރު އެއްޗަކަށް ވާން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއް ނަގައިގެން، ރާއްޖެ ނޫނީ ބޭރުގެ ވެސް އިސްލާމީ އެހެން މުއައްސަސާއަކާ ގުޅިގެން ހަލާލު ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ ހިދުމަތުގެ އަގަށް ހެޔޮ ބަދަލެއް ގެނެވިދާނެ މަގަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ހަލާލު ޓޫރިޒަމަކީ އިސްލާމީ ސަގާފަތާ އެއްގޮތް މާހައުލެއްގައި ކުރެވޭ ކަމެއް. ހަލާލު ޓޫރިޒަމަކީ ވަކި އުސޫލެއްގެ ތެރެއިން ކުރެވޭ ކަމެއް. ޝަރުއީ ހަމަތަކުގެ މައްޗަށް ކުރެވޭ ކަންކަން އެ ނޫން ގޮތަކަށް ނުކުރެވޭނެ. މިފަދަ ކަންކަމަށް އިންވެސްޓްކުރުމުގައި މި ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ދެން ޝަހީމް ފާޑުވިދާޅުވީ ކުރީގެ ސަރުކާރުން ހައްޖު ކޯޕަރޭޝަންގެ ބޯޑުގައި އިސްލާމިކް މިނިސްޓްރީ ތަމްސީލްކުރާނެ މެންބަރަކު އިންނަން ނުޖެހޭ ގޮތަށް ހެދި ކަމަށް ވިދާޅުވެ އެވެ.
އެ ކޯޕަރޭޝަންގެ ނިންމުންތަކުގައި އިސްލާމިކް މިނިސްޓްރީއަށް ބައިވެރިވެވޭ ގޮތަށް ބަދަލުކޮށް، އެ ކަމަށް ގާނޫނެއް ހަދަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހައްޖު ކޯޕަރޭޝަންގެ ގާނޫނެއް އެކުލަވާލުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ