ޑްރަގް ވިޔަފާރިކޮށްގެން ހޯދާ މުދަލާ ފައިސާ ދައުލަތަށްނަގައި، ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލް ތަސްދީގު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ތިން ވަނަ އިޞްލާޙުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި އިޞްލާޙުގެ ދަށުން، ޑްރަގް ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި، ވަކި ބަރުދަނަކަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.
މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވައި، ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، ފަރުވާ ދިނުމަށް އިސްކަންދީ، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުން މުޖުތަމަޢަށް އަނބުރާ ރުޖޫޢަވުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ ނިޒާމެއް ތަޢާރަފުކުރުމާއި، ޑްރަގް ކޯޓުގެ އުސޫލުތަކާއި ފަރުވާގެ ޕްރޮގްރާމުތައް މުރާޖަޢާކޮށް، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެވިފައިވެއެވެ.
ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދީފައިވެއެވެ. މިގޮތުން، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ވަނީ މުރާޖަޢާކޮށްފައެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހުއްދަދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުން ފަދަ އިތުރު ކުށްތައް ވަނީ ބިލުގައި ކަނޑައަޅާފައެވެ.
އަދަބުތަކަށް ބަލާއިރު، ޤާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ އަދަބު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން، 20 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 75,000 ރުފިޔާއާއި 7.5 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އެންމެ ބޮޑު ބަދަލަކީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވަކި ބަރުދަނަކަށްވުރެ އިތުރަށް (މިސާލަކަށް ކެނެބިސް 350 ގްރާމަށްވުރެ އިތުރު ނުވަތަ ޑައިމޯފިން 250 ގްރާމަށްވުރެ އިތުރު) އެތެރެކުރުމުގެ ކުށުގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައެޅިފައިވުމެވެ.
މަރުގެ އަދަބު ކަނޑައެޅިއްޖެނަމަ، އެ ޙުކުމްގެ ހުރިހާ ޤާނޫނީ ނުކުތާތަކެއް މަތީ މަރުޙަލާގެ ކޯޓަކުން އަލުން ބަލަންޖެހޭނެއެވެ. އަދި އަދަބު ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. ޢުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މަޢާފުކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ކަނޑައެޅިފައިވުމުގެ އިތުރުން، އެފަދަ ކުށްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިޢުތިރާފުގެ އެއްބަސްވުމެއް ވެސް ނުވެވޭނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ