ޙުސްނާ ފަހުމީގެ 'ދިވެހީންގެ ވަޠަން' ނެރެފި؛ ދިވެހި ތާރީޚާއި ސަގާފަތާ ބެހޭ އެތައް މައުލޫމާތެއް ހިމެނޭ
ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ފޮތް ލިޔެ، ޝާއިއުކުރުމުގެ ދާއިރާއިން ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޙުސްނާ ފަހުމީގެ 'އަރާކުރި' ސިލްސިލާގެ 47 ވަނަ ފޮތް، 'ދިވެހީންގެ ވަޠަން' ފޮތް މިއަދު ނެރެދެއްވައިފިއެވެ. ގައުމީ ކުތުބުޚާނާގައި ހަވީރު އޮތް ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ، ދިވެހި ގައުމިއްޔަތުގެ ތާރީޚު އިސްވާރު ކަށިިމާ އަޙްމަދު ޝާކިރެވެ. ޙުސްނާ ފަހުމީގެ އަރާކުރި ސިލްސިލާގައި ހިމެނެނީ، ދިވެހި ބަހުގެ ހަތަރު ހުނަރަކަށް އަމާޒުކޮށް، އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ ފޮތްތަކެވެ. އެ ފޮތްބަޔަކީ، ދިވެހިބަހުގެ ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމަށް ޝައުގުވެރިވާ ކުދިންނަށް، އެކަމުގައި ކުރިއަށްދިޔުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ޙުސްނާ ލިޔުއްވަމުން ގެންދަވާ ސިލްސިލާއެކެވެ. މިއަދު ނެރުނު ޙުސްނާ ފަހުމީގެ ދިވެހީންގެ ވަޠަން ފޮތް --- ސަން ފޮޓޯ/ މުޙައްމަދު އަފުވާން ސޮލާހު މިއަދު ނެރުނު "ދިވެހީންގެ ވަޠަން" ފޮތުގައި، ރާއްޖޭގެ ތާރީޚާއި ސަގާފަތާއި އާދަކާދައާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިމެނެއެވެ. ތިންސަތޭކަ ސައުވީސް ޞަފުހާގެ މި ފޮތުގައި، ފަހުގެ ތާރީޚެއްގައި ދިވެހީންގެ ތާރީޚާ ބެހޭ އެންމެ ގިނަ ދިމާތަކަށް ނަޒަރު ހިންގާފައިވާއިރު، ދިވެހި ގައުމިއްޔަތުގެ ބަހާތަކުގެ ހުރިހާ ދާއިރާއަކަށް ވަނީ އަލިއަޅުއްވާލައްވައިފައެވެ. އޭގެތެރޭގައި، ރާއްޖޭގެ ވަޒަންވެރިކަމާއި ދީނާއި ސަގާފަތާއި ތަރިކަ ފަދަ ދާއިރާތަކުގެ ވާހަކަތައް ޙުސްނާ ގެނެސްދެއްވާފައި ވަނީ، ދާއިރާތަކާ ގުޅޭ ކުލަ ފޮޓޯތައް ފޮތުގައި ހިމަނުއްވައިގެނެވެ. ދިވެހީންގެ ވަޠަން ފޮތް ލިޔުއްވި ޙުސްނާ ފަހުމީ ---- ސަން ފޮޓޯ/ މުޙައްމަދު އަފުވާން ސޮލާހު ޙުސްނާ ވިދާޅުވި ގޮތުގައި، މި ފޮތް ލިޔުއްވުމުގެ ޚިޔާލު އުފެދުނީ މިދިޔަ އަހަރު ރާއްޖޭގެ ސުކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ސަރުކާރުން އިއުލާނު ކުރުމުންނެވެ. އެ ޚިޔާލު ފުޅާކޮށްގެން ނެރުއްވި މި ފޮތުން، ދަރިވަރުންނާއި ދިރާސާތައް ކުރާ މީހުންގެ މައުލޫމާތު މުއްސަނދި ވާނެ ކަމަށް ޙުސްނާ އުއްމީދު ކުރައްވައެވެ. މި ފޮތް ލިޔުއްވުމަށްޓަކައި ޙުސްނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. "ދިވެހިރާއްޖެއާއި ރާއްޖޭގެ ކާބަފައިންނާއި އެބައިމީހުންގެ ދިރިއުޅުމާއި، ސަގާފަތާއި، އާދަކާދައާއި މަސައްކަތްތެރިކަމުގެ މައްޗަށް ޢިލްމުވެރިން ލިޔުއްވާފައިވާ ގިނަ ފޮތްތަކެއް ބަލައި، ކިޔައި ދިރާސާ ކުރެވުނު. އަދި ލިޔުންތެރިންގެ ފޮތްތަކުގައި ހުރި ބައެއް ކުރީގެ ފޮޓޯތައް [ކަޅާއި ހުދު] އޭގެ އަސްލު ނުގެއްލޭނޭ ގޮތަށް ކުލަކުރެވިގެން ކުރެހުންތައް ހިމަނާފައިވާނެ،" ޙުސްނާ ތަފުސީލުކޮށްދެއްވިއެވެ. މީގެ އިތުރުން، ދިވެހީންގެ ބައެއް މަސައްކަތްތެރިކަމާއި ކުޅިވަރާއި އާދަކާދައާ ބެހޭ އަސްލު ފޮޓޯ ފެންނަން ނެތުމުން އެ ކަންކަމުގެ މައްޗަށް ޚިޔާލީ ފޮޓޯތައް ކުރަހައިގެން ވެސް ބޭނުންކޮށްފައި ހުރިއިރު، އިންޓަނެޓުން ނަގައިގެން ވެސް ފޮތުގައި ފޮޓޯތައް ހިމަނައިފައިވެއެވެ. ޙުސްނާ ފަހުމީގެ އަރާކުރި ސީރީޒްގެ އިތުރު ބައެއް ފޮތްތައް ---- ސަން ފޮޓޯ/ މުޙައްމަދު އަފުވާން ސޮލާހު ޙުސްނާ އަކީ، ދިވެހި ބަހުން ފުރަތަމަ ޅެމެއް ހެއްދެވި ބޭފުޅާ، މަޝްހޫރު ހުތް އަލި ދީދީއަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. ބައްޕާފުޅު ޙުސައިން ފަހްމީއަކީ ވެސް ދިވެހި އަދަބިއްޔާތަށް، ޚާއްސަކޮށް، ޅެންވެރިކަމުގެ ދާއިރާއިން އެތައް ޚިދުމަތެއް ކުރެއްވި ބޭފުޅެކެވެ. ޙުސްނާއަކީ، ތައުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައި ވާތީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުމުގެ ރޮނގުން 2023 ވަނަ އަހަރު "ރެހެންދި އެވޯޑް" ވަނީ ޙުސްނާއަށް ލިބިވަޑައިގެންފައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިއުކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރެއްވީ މި އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ