އެލްޗޭ ބަލިކޮށް ބާސެލޯނާ އިން ފަރަގުކުޑަކޮށްފި އެލްޗޭ ބަލިކޮށް ބާސެލޯނާ އިން ފަރަގުކުޑަކޮށްފި

ބާސެލޯނާ (ނޮވެމްބަރު 3) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 3-1 އިން އެލްޗޭ ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތްއިރު، ރެއާލުން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެެވެ. އެހެން ނަމަވެސް، ބާސެލޯނާ މޮޅުވުމުން ރެއާލްގެ ލީޑު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ.
ރެއާލް، އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ ރޭގެ މޮޅާ އެކު، 11 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން 11 މިނިޓް ތެރޭ ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް ނެގި އެވެ. ބާސެލޯނާ އަށް ރޭގެ މެޗުގައި ގޯލު ހުޅުވާލައިދިނީ، ފަހަކަށް އައިސް ފޯމަށް އަސަރުކޮށް ފާޑުކިޔުން އަމާޒުވެފައިވާ ޒުވާން ތަރި ލަމީން ޔަމާލް އެވެ. ޔަމާލް، މެޗުގެ ނުވަ ވަނަ މިނިޓްގައި މި ލަނޑު ޖެހިތާ ދެ މިނިޓް ފަހުން، ފެރާން ޓޮރޭޒް ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ގޯލުގެ ލީޑެއްގައި އޮވެ، ފުރަަތަމަ ހާފު ނިންމާލަން ކުރި މަސައްކަތް ބާސެލޯނާ އަށް ކާމިޔާބެއްނުވި އެވެ. އެއީ، މެޗުގެ 42 ވަނަ މިނިޓްގައި، އެލްޗޭގެ ސްޕެއިން ފޯވާޑް، ރަފާ މީރް ލަނޑެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނުމުންނެވެ.
ދެ ވަނަ ހާފުގައި ކުޅެން އަރައި، ބާސެލޯނާ އިން 15 މިނިޓް ތެރޭ ލަނޑެއް ޖަހައި، ތިން ޕޮއިންޓް ޔަގީންކުރި އެވެ. އެ ގޮތުން، މެޗުގެ 61 ވަނަ މިނިޓްގައި ފާމިން ލޮޕޭޒް ދިން ބޯޅައަކުން މި ލަނޑު ޖެހީ، ބާސެލޯނާގައި ވިދަމުން އަންނަ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ