އެއްވެސް ގެރެންޓީއެއް ނުނަގައި ވަޒީރުން ބޭނުން ޕްރޮޖެކްޓުތަކަށް އެޑްވާންސަށް ފައިސާ ދެނީ އެއްވެސް ގެރެންޓީއެއް ނުނަގައި ވަޒީރުން ބޭނުން ޕްރޮޖެކްޓުތަކަށް އެޑްވާންސަށް ފައިސާ ދެނީ

މާލިއްޔަތު ގަވާއިދަށް އިއްޔެ ގެނައި ބަދަލުތަކުގެ ދަށުން، ވާދަވެރި ބީލަމަކަށް ނުގޮސް ވަޒީރުންގެ މަޖިލީހުން ހަވާލުކުރާ ޕްރޮޖެކްޓުތަކަށް އެއްވެސް ގެރެންޓީއެއް ނޫނީ ސެކިއުރިޓީއެއް ނެތަސް، ޕްރޮޖެކްޓުގެ އަގުގެ 15 ޕަސެންޓު ފައިސާ އެޑްވާންސަށް ދެވޭ ގޮތަށް ހަދައިފި އެވެ.
ފިނޭންސް މިނިސްޓްރީން މާލިއްޔަތު ގަވާއިދު ބަދަލުކޮށްގެން މިކަމަށް ފަހިކުރިއިރު، މި އަހަރުގެ ފެބްރުއަރީގައި އެ ގަވާއިދު ބަދަލުކުރިއިރު ބިޑް ސެކިއުރިޓީއެއް، ޕާފޯމަންސް ގެރެންޓީއެއް، އެޑްވާންސް ފައިސާ ގެރެންޓީއެއް ނެތި ޕްރޮޖެކްޓު ހަވާލުކުރެވޭ ގޮތަށް ހެދި އެވެ.
މާލިއްޔަތު ގަވާއިދުގެ ބޭނުން ކަނޑުވާލާ ވަރުގެ ބަދަލުތަކެއް ގެނެސް، ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މުށުތެރެއަށް ލާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މި ކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އަދި މިއީ ސީދާ ކޮރަޕްޝަނަށް ފަހިކުރަން ކޮށާ މަގެއް ކަމަށް މި ކަމާ ދެކޮޅަށް އަޑުއުފުލާ މީހުންނާއި އިދިކޮޅު ސިޔާސީ މީހުން ވެސް އަންނަނީ ބުނަމުންނެވެ.
މި ތުހުމަތުތައް ހުރި ނަމަވެސް މި ކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ. އަދި މިއީ ކޮން ބޭނުމެއް އޮވެގެން މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކެއް ކަމެއް ވެސް ނުބުނެ އެވެ.
ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ބާރު ސީދާ މިނިސްޓަރުންގެ އަތް މައްޗަށް ލާން ބަދަލުކުރި މާއްދާތައް ހިމެނީ ސަންސެޓު މާއްދާތަކެއްގެ ގޮތުގައި، ވަކި މުއްދަތަކަށް އަމަލުކުރާ ގޮތަށެވެ. މިހާރު ގަވާއިދުގައި އޮތް ގޮތުން ފެބްރުއަރީ، 2027، އާ ހަމައަށް މި މާއްދާތަކަށް އަމަލުކުރަމުން ދާނެ އެވެ.
މި ސަރުކާރުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓު" އުސޫލުން ބޭނުން ބަޔަކަށް ޕްރޮޖެކްޓުތައް ހަވާލުކޮށް މުދަލާއި ހިދުމަތް ހޯދަން މަގުކޮށައި ނިންމިއިރު، ގެރެންޓީއެއް އެޑްވާންސެއް ނުނަގައި ޕްރޮޖެކްޓުތައް ހަވާލުކުރުމުގެ ސަބަބުން މީގެ ކުރިން ދައުލަތަށް ގެއްލުންވެފައި ވެ އެވެ. އަދި ދި މިއީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކުގައި، އެއް ގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަންކަމުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ ލަފައެކެވެ.
ސިންގަލް ސޯސް އުސޫލުގެ ދަށުން ދައުލަތަށް ގެއްލުން ލިބުނު ފަހަރެއްގެ އެންމެ ރަނގަޅު މިސާލަކީ، ކޮވިޑު ތެރޭގައި ޑުބާއީގެ އެގްޒިކިއުޓާސް ކިޔާ ކުންފުންޏަކުން ގެންނަން އުޅުނު 75 ވެންޓިލޭޓަރު މައްސަލަ އެވެ. މި ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީއަށް ދިން ހާއްސަ ހުއްދައެއްގެ ދަށުން، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓުގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޫކުރި އެވެ.
އެ ފަހުން މިއަދާ ހަމައަށް ފަސް އަހަރު ވެގެން ދިޔައިރު، އަގު ދެއްކި ވެންޓިލޭޓަރުތައް ނުލިބުނު ތަނުގައި އެ ފައިސާ ވެސް ނުލިބުނެވެ. މި ފަހުން ޑުބާއީގެ ކޯޓަކުން ވަނީ މި މައްސަލަ ދިވެހި ދައުލަތާ އެއްކޮޅަށް ނިންމައި، 2.1 މިލިއަން ޑޮލަރު ދައްކަން އެގްޒިކިއުޓާސްއަށް އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ