އަނަނިޔާއާއި ކާތިކްގެ ފިލްމަށް ޤާނޫނީ މައްސަލަތަކެއް
މި ހަފުތާގެ ބުރާސްފަތި ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މި ފިލްމުގައި ހިމަނާފައިވާ ލަވައަކާ ގުޅޭގޮތުން ތްރީމޫރްތީ ފިލްމްސްއިން ބޮމްބޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނާގޮތުން ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ހުއްދަނެތި ތްރިމޫރްތީ ފިލްމްސްގެ ލަވައެއްގެ މިއުޒިކް ކަރަންގެ ފިލްމުގައި ހިމަނާފައެވެ. އެ މިއުޒިކަކީ ތްރީމޫރްތީއިން 1992 ވަނަ އަހަރު ގެނެސްދިން ފިލްމު "ވިޝްވްއާތްމާ"ގެ މަޝްހޫރު ލަވަ 'ސާތު ސަމުންދަރު ޕާރް'ގެ މިއުޒިކެވެ. ފިލްމު "ވިޝްވްއާތްމާ"ގެ ލަވަ 'ސާތު ސަމުންދަރު ޕާރް'ގެ ޝޫޓިންގްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ތްރީމޫރްތީ ފިލްމްސްގެ މިއުޒިކް ހުއްދައާ ނުލައި ދަރުމާގެ ފިލްމުގައި ހިމަނާފައިވާތީ އެ ފިލްމުގެ ޕްރޮޑިއުސަރާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ކޯޓުގައި އެދިފައިވަނީ އޭގެ ބަދަލުގެ ގޮތުގައި 10 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު)ގެ ފައިސާ ތްރީމޫރްތީސްއަށް ދިނުމަށެވެ. ބޮލީވުޑްގެ ތަރިން ކަމަށްވާ ކާތިކް އާރްޔަންއާއި އަނަނިޔާ ޕާންޑޭ ލީޑް ރޯލް ކުޅެފައިވާ "ތޫ މޭރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގައި 'ސާތު ސަމުންދަރު' ލަވައިގެ މިއުޒިކް އަދި ލިރިކްސް ހިމަނާފައިވަނީ ރިމިކްސްއެއް ގޮތަށް ކަމަށާއި އޭގެ ސަބަބުން ތްރީމޫރްތީ ފިލްމްސްއަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް ވެސް ބޮމްބޭ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ. ފިލްމު "ވިޝްވްއާތްމާ"އަކީ ބަތަލާ އަނަނިޔާ ޕާންޑޭގެ ބައްޕަ، ކުރީގެ އެކްޓަރު ޗަންކީ ޕާންޑޭ މުހިއްމު ރޯލް ކުޅެފައިވާ ފިލްމެކެވެ. ހަމައެއާއެކު އެ ފިލްމުގެ ލަވަ 'ސާތު ސަމުންދަރު' ލަވައަކީ ޗަންކީގެ ފިލްމީ ކެރިއަރުގެ އެންމެ މަގުބޫލު އެއް ލަވައެވެ. ޗަންކީއާ އެކު އެ ލައިވައިގައި ފެންނާނީ ކެރިއަރުގެ ވަރަށް ކުރީކޮޅު ޒުވާން އުމުރުގައި މަރުވި އޭރުގެ ކާމިޔާބު ބަތަލާ ދިވްޔާ ބާރްތީއެވެ. މި މައްސަލައާ ގުޅިގެން ދަރުމާއިން މިހާތަނަށް ވަޖި އެއްޗެއް ބުނެފައިނުވާއިރު އަންނަ ހަފުތާގައި ފިލްމު ރިލީޒްކުރުމުގެ ކުރިން މި މައްސަލަ ކޮންމެ ވެސް ގޮތަކަށް ނިންމާނެ ކަމަށް ބެލެވޭ ކަމުގައި މީޑިއާތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ