ފެނަކައަށް 3000 ދިދަ ފަހައިދޭނެ ބަޔަކު ހޯދަނީ

މާލީ ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް, ފެނަކަ ކޯޕަރޭޝަނަށް 3000 ދިދަ ފަހައިދޭނެ ބަޔަކު ހޯދުމަށް އިއްޔެ އިއުލާން ކޮށްފިއެވެ. ފެނަކައިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ދޭ ނަމޫނާއަކާ އެއްގޮތަށް ގައުމީ ދިދަ އާއި އެ ކުންފުނީގެ ދިދަ ފަހަން ބޭނުންވާ ކަމަށެވެ. އެގޮތުން ގައުމީ ދިދައިގެ 1500 ދިދަ އާއި ކުންފުނީގެ 1500 ދިދަ ފަހަން ބޭނުންވާ ކަމަށް ފެނަކައިން ބުންޏެވެ. މި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދަން ޖެހެނީ އެ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. އަދި އެޑްވާންސް ޕޭމަންޓެއް ވެސް ދޭ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑް ކާމިޔާބު ކުރާ ފަރާތަކުން މަސައްކަތް ނިންމާ ހަވާލުކުރުމުން ފައިސާ ދޫކުރާ ގޮތަށް މި އިއުލާން ކޮށްފައިވާއިރު ފެނަކައަށް މީގެ ކުރިން އަމިއްލަ ކުންފުނިތަކުން ކޮށްދީފައިވާ މަސައްކަތްތަކަށް ފައިސާ ދިނުން ލަސްވުމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެހެން އެކަންވާއިރު ފެނަކައަކީ ވަރަށް ބޮޑު ގެއްލުމެއްގައި ހިންގާ, ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކުންފުންޏެކެވެ. ދިދަ ބިޑަށް ކުރިމަތިލާން ޖެހޭ ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކައަކީ ޒަމާނުންސުރެއް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ބޭނުން ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ބޭނުން ނުވާ ވަރަށް މުވައްޒަފުން ނެގުމާއި ނުއަގުގައި ތަކެތި ގަތުންފަދަ ކަންކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ އެ ކުންފުނި އޮތީ މާލީ ގޮތުން ވަރަށް ގޯސް ހާލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ