ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ޕެރަގުއޭ އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދައިފި އެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ވަނީ، 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ޕެރަގުއޭ މޮޅުވީ 4-3 އިންނެވެ. މިއީ، ޕެރަގުއޭ އިން 2010 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ މުބާރާތަށް އައި ފުރަތަަމަ ފަހަރެެވެ. އެ ފަހަރު އެ ޓީމު ކުއާޓާ ފައިނަލުގައި ކުޅުނެވެ.
ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކިއުުރުސާއޯ އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން އައިވަރީ ކޯސްޓް އަތުން މޮޅުވި އެވެ. އެކަމަކު، ގްރޫޕްގެ ފަހު މެޗުން 2-1 އިން އެކުއެޑޯ އަތްދަށުވެ، ނޮކައުޓް ބުރު ފަށަން ޖެހުނީ އެންމެ ބޭނުންވި ފޯމުގައެއް ނޫނެވެ.
ޕެރަގުއޭ އިން މެޗު ފަށައިގެން، ފުރަތަމަ މިނިޓްގައި ކޯނަރަކުން ޖޫނިއާ އަލޮންސޯ އަށް ލިބުނު ފުރުސަތުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވި، ފޮނުވާލި ޝޮޓް ޖަރުމަނުގެ ކީޕަރު، މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.
ޖަރުމަނުގެ އެޓޭކް ލީޑުކުރަމުންދިޔަ ޑެނިސް އުންޑާވް އާއި ކައި ހަވާޓްޒް އަށް ފުރަތަަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ، ޕެރަގުއޭގެ ކީޕަރު، އޯލާންޑޯ ގިލް އާއި އެ ޓީމުގެ ޑިފެންޑަރުންގެ ހުށިޔާރުކަމުންނެވެ.
ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސް ކުރި ޕެރަގުއޭ އިން ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. މިއީ، މެޗުގެ 42 ވަނަ މިނިޓްގައި، ޕެރަގުއޭ އިން ކޯނަރެއްގައި ދެ ވަނަ ފަހަރަށް އެޓޭކް ކުރަން ލިބުނު ފުރުސަތުގައި، މަޓިއަސް ގަލާޒާ ނެގި ހުރަހަކުން ހޫލިއޯ އެންސީސޯ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، ޖަރުމަނު ކޮޅަށް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ލަނޑު ވަން 10 ވަަނަ މެެޗެވެ. އެ ޓީމު ކޮޅަށް އެންމެ ފަހުން ލަނޑެއް ނުވަދެ ނިމުނު ވޯލްޑް ކަޕް މެޗަކީ 2014 ވަނަ އަހަރުގެ ފައިނަލެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، ޖަރުމަނު ފަހަތުން ފަރުވާ ކުޑަކޮށް ޖައްސާލި ބޯޅައަކަށް އަރައި، އެންސީސޯ އަށް ލަނޑު ޖަހަން ފުރުސަތުގައި ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވި އެވެ.
ޖަރުމަނުން ވަނީ ދެ ވަނަ ހާފުގައި އެޓޭކަށް ދިއުމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މިއީ، 54 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ނެގި ހުރަހަކުން ހަވާޓްޒް ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، ހަވާޓްޒް އަށް ލިބުނު އިތުރު ފުރުސަތެއްގައި، ހަވާޓްޒް ބޮލުން ޖެހި ބޯޅަ ކީޕަރު ގިލް ވަނީ މަތަކޮށްފަ އެވެ.
ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނުއިރު، ފުރަތަމަ ހާފުގައިި ޖަރުމަނުން ލަނޑު ޖެހި އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި އެ ޓީމުގެ ޖޮނަތަން ޓާ ވަނީ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާެރް) އިން ބަލާފައި އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ. އެއީ، ޖަރުމަނުގެ ޑިފެންޑަރު، ވޮލްޑަމާ އަންޓޮން، ކޯނަރު ކުޅުމުގެ ތެރެއަށް އައިއިރު، ކީޕަރު ގިލް އަށް ފައުލުކުރި ކަމަށް ބަަލައިފަ އެވެ. މިއީ، ވީއޭއާރް އިން އަންގައިގެން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ބަލައިފައި ނިންމި ނިންމުމެކެވެ.
އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ނަތީޖާ އެެއް ނުނެރެވުމުން، މޮޅުވާނެ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި ފުރަތަަމަ ޖަރުމަނުން ހަވާޓްޒް ޖެހި ޕެނަލްޓީ ކީޕަރު، ގިލް ވަނީ މަތަކޮށްފަ އެވެ. މައުރީސިއޯ ވަނީ ޕެރަގުއޭގެ ފުރަތަމަ ޕެނަލްޓީ ވައްދާލައިފަ އެވެ. ޖަރުމަނުގެ ދެ ވަނަ ޕެނަލްޓީ ޔޯސުއާ ކިމިކް ވަނީ ކާމިޔާބުކޮށްފަ އެވެ. ޕެރަގުއޭގެ ދެ ވަނަ ޕެނަލްޓީ ކެޕްޓަން، ގުސްތާވޯ ގޯމޭޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޖަރުމަނުގެ ތިން ވަނަ ޕެނަލްޓީ ޖަމާލް މުސިއާލާ ވަނީ ކާމިޔާބުކޮށްފަ އެވެ. ޕެރަގުއޭގެ ތިން ވަނަ ޕެނަލްޓީ ގަލާޒާ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ޖަރުމަނުގެ ހަތަރު ވަަނަ ޕެނަލްޓީ ނިކް ވޮލްޓަމާޑާ ފޮނުވާލިއިރު، ކީޕަރު ގިލް ވަނީ ހުއްޓުވައިފަ އެވެ.
މެޗުންޕެރަގުއޭ މޮޅުކޮށްދޭން ހަތަރު ވަނަ ޕެނަލްޓީ ޖަަހަންދިޔަ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. ނަދިމް އަމީރީ، ޖަރުމަނުގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕެރަގުއޭގެ ފަސް ވަަނަ ޕެނަލްޓީ ފަބިއަން ބަލްބުއޭނާ ފޮނުވާލިއިރު، ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، ޖަރުމަނުގެ ހަ ވަނަ ޕެނަލްޓީ ޓާ ފޮނުވާލިއިރު، ދިޔައީ ހުރަސް ދަނޑިމަތިންނެވެ. ޕެރަގުއޭ އަށް މެޗުން މޮޅުވާން ޕެނަލްޓީގައި ލިބުުނު ތިން ވަނަ ފުރުސަތުގައި، ޖޯސޭ ކަނާލޭ ކާމިޔާބުކޮށް، މެޗުން އެ ޓީމު މޮޅުކޮށްދިނީ އެވެ.
ޖަރުމަނު ކަޓުވާލައި ޕެރަގުއޭ ވޯލްޑް ކަޕްގެ ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ