ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. އަށް ހުށައަޅައިފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލައިގައި އަދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތަށް ހުށައަޅައިފިއެވެ.
ބައިނަލްއަގްވާމީ އިދާރާތަކަށް އެ މައްސަލަ ހުށައެޅުއްވީ ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމާއިއެކު ދާދިފަހުން މާގާމުން އިސްތިއުފާ ދެއްވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެކަން ހުސްނުއްސުއޫދު ވަނީ ސަންގަށް ކަށަވަރު ކޮށްދީފައެވެ. އޭނާ އެދިވަޑައިގެންފައި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ވަދެ ފަނޑިޔާރުންނާއި މެދު އަޅާފައިވާ ޢައިރު ދުސްތޫރީ ފިޔަވަޅު ބާތިލްކުރަން ސަރުކާރަށް ގޮވާލުމަށެވެ.
ސުއޫދު މައްސަލަ ހުށައަޅާފައިވާ އިދާރާތަކާއި ބައެއް އޮފީސްތަކުގެ ތެރޭގައި، ލާންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔޫރަޕިއަން ޔޫނިއަން އީޔޫގެ ވަފްދު، ކޮމަންވެލްތު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)، ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ހިމެނެއެވެ.
އެ އިދާރާތަކަށް ސުއޫދު ހުށައަޅުއްވާފައިވާ މައްސަލައިގައި ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތާއި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ގާނޫނަށް ގެންނަން އުޅުނު ބަދަލާއި ގުޅޭ ތަފްސީލްތައް ހިމަނާފައިވެއެވެ. އަދި ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މަޖިލީގެ މެމްބަރުންގެ ގޮނޑިއާއި މެދު ގާނޫނުއަސާސީއަށް ގެނެއި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށައެޅު ދުސްތުރީ މައްސަލައިގެ ޝަރީއަތް ހުއްޓާލުމަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގެ ޝަރީއަތް ފެށުނު ފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ސުޕްރީމް ކޯޓޫގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރުން ލާޒިމްވާ ގޮތަށް ބިލެއް ހުށައަޅައި އެ ބިލް އަވަސް އަރުވައިލައިގެން ފާސްކުރިކަން ސުއޫދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަންވެފައިވަނިކކޮށް ބިލް ފާސްކޮށް އަދި ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ތަސްދީގުނުކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު އަނބުރާ ފޮނުއްވަވާލެއްވުމުން މަޖިލީހުން އެ ބިލު އަލުން ޖުޑީޝަރީ ކޮމިޓީއަށް ހޯމަ ދުވަހު ވަނީ ފޮނުވާފައެވެ. ބަންޑާރަ ނައިބު ދެއްވި ލަފައަށް ބުރަވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވީ 11 މާރޗު 2025 ގައެވެ. އިތުރަށް ވިސްނާވަޑައިގެންނެވުން އެދި ބިލު އަނބުރާ ފޮނުއްވެވި ސަބަބުތައް ރައީސް ވަނީ ސިޓީފުޅަކުން މަޖިލީހާ ހިއްސާ ކުރައްވާފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ ބިލު އަލުން ދިރާސާ ކުރުމަށެވެ. އެގޮތުން ބިލު ކޮމިޓީއަށް ފޮނުވުމަށް ފެންނަކަމަށް 50 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް ވޯޓުދެއްވީ 7 މެމްބަރުންނެވެ. ރައީސް މި ބިލު އަނބުރާ ފޮނުއްވެވި ސަބަބުތައް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އަމީންއާންމު ވަނީ ވިދާޅުވެދެއްވާފައެވެ.
ސިޓީގައި ރައީސް ވިދާޅުވީ، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރައްވާހާ ހިނދަކު ފަނޑިޔާރު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ނުވަތަ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރު ކުރައްވާފައިވާކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވި، މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވެގެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިހާރު ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނެސްފައިވާގޮތަށް ބަލާއިރު، 7 ފަނޑިޔާރުންގެ އަދަދު 5 ށް ބަދަލުކުރުމަށް ފާސްކޮށް ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ