500 އަށްވުރެ ގިނަ އިމާމުންނާއިއެކު، އިމާމުންގެ މަހާސިންތާ ފަށައިފި

ރާއްޖޭގެ ހުރިހާ އިމާމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިމާމުންގެ މަހާސިންތާ ފަށައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި ޙާޒިރުވެގެން 208 އިމާމުން އަދި އޮންލައިންކޮށް 300 އިމާމުން ބައިވެރިވާއިރު، މި މަހާސިންތާ ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
އެގޮތުން މިކަމަށްޓަކައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، މިއީ އިމާމުން ތަމްރީނު ކުރުމާއި ޒުވާން އިމާމުންގެ ޖީލެއް މުޖުތަމަޢުއަށް ނެރުމާއިއެކު، އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅުން ބަދަހިކުރައްވާ، އިމާމުންގެ ހުށައެޅުންތައް އަޑުއަހައި، މަޝްވަރާކުރުމާއި އިމާމުންގެ  ދައުރު ފުޅާ ކުރުމަށް މަސައްކަތްކުރުމަށްޓަކައި ބާއްވާ މަހާސިންތާ އެއް ކަމަށެވެ.
Advertisement
އިމާމުންގެ މަހާސިންތާގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ
ވަޒީރު ޝަހީމް ވިދާޅުވީ، ޒުވާން އިމާމުންނާއި ޚަތީބުން ފެނިގެންދިޔުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި، މިއީ އިސްލާމީ ޝަހުސިއްޔަތު އުޖާލާވެގެންދާނެކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށެވެ.
"އަޅުގަނޑު އެންމެ އުފާވާ އެއްކަމަކީ ޒުވާން އިމާމުންނާއި ޚަތީބުން ފެނިގެންދާކަން. މިއީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މުސްތަޤްބަލު. އިސްލާމީ ޝަހުސިއްޔަތު އުޖާލާވެގެންދާނެކަމުގެ ވަރަށް ބޮޑު ނިޝާނެއް. އެހެންކަމުން އަޅުގަނޑު މިކަންކަމަށް ވަރަށް ހިތްވަރުދެން."
ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މި މަހާސިންތާގައި މި ސަރުކާރުން އަލަށް ފެށި ޒުވާން ޚަތީބުން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ދަރިވަރުން ވެސް ބައިވެރިވާއިރު، މި މަހާސިންތާގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން މައުލޫމާތު ހިއްސާކުރައްވައި އެކި ކަންކަމުގައި މަޝްވަރާކޮށް ހައްލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ