އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު 2021 ގައި މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މިދިޔަ މަހު އެވެ. އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން މިދިޔަ ހަފުތާގައި އެ މަޖިލީހުގެ އަޣުލަބިއްޔަތުން ވެސް ނިންމީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ލަމްހާ ދޫކޮށްލަން ނިންމި މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ރަނގަޅަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމިއިރު، އެ މައްސަލާގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ލަމްހާ ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ