ޖަރުމަނުން ނުކުންނާނީ 2018 ގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން: ކިމިޗް
ފީފާ ވޯލްޑް ކަޕް 2022 އާއި ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމުން ކުރިމަތި ލާނީ، 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގައި ކުރިމަތިވި ނާކާމިޔާބީ އިން އަރައިގަނެ، ހެދުނު ގޯސްތައް ރަނގަޅު ކުރަން ކަމަށް އެޓީމުގެ އިތުބާރު ފުލް ބެކް އަދި ޑިފެންސިވް މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ބުނެފިއެވެ. މުބާރާތުގައި މިއަދު 18:00 ގައި ޖަޕާނާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކިމިޗް ބުނީ، މުޅި ޖަރުމަނު ޓީމުގެވެސް އުންމީދު ވަރަށް ބޮޑު ކަމަށާއި، އެންމެފަހުގެ ވޯލްޑް ކަޕުގައި ކުރިމަތިވީ ވަރަށް ދެރަ، މާޔޫސް ކުރުވަނިވި ނަތީޖާއެއް ކަމަށެވެ. އަދި ރަޝިއާގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން ހަތަރު އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނުކަން ފާހަގަކޮށް ކިމިޗް ބުނީ، ގަތަރު މުބާރާތަށް ޓީމުން އައީ އެފަހަރުގެ ވޯލްޑް ކަޕުގައި ހެދުނު ގޯސްތައް ރަނގަޅު ކުރުމުގެ އަޒުމުގައި ކަމަށެވެ. ޑިފެންޑިންގް ޗެމްޕިއަނުންގެ ގޮތުގައި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލި ޖަރުމަނު ޓީމާއި ޖެހުނީ ގްރޫޕް ސްޓޭޖާއި ހަމައިން މުބާރާތުން ވަކިވާށެވެ. ޖަރުމަނާއި އެއް ގުރޫޕެއްގައި އެ ފަހަރުގެ މުބާރާތުގައި ހިމެނުނީ މެކްސިކޯ އާއި ސައުތު ކޮރެއާގެ އިތުރުން ސްވިޑެން އެވެ. އޭގެ ތެރެއިން ޖަރުމަނު މަނީ މެކްސިކޯ އާއި ސައުތު ކޮރެއާ އަތުން ބަލިވެފައެވެ. ދުނިޔޭގެ ތަށްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް މުބާރާތުގެ ތަށި، ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައިވާ ޖަރުމަނުން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ޖަޕާނަކީ, ފީފާގެ ދުނިޔޭގެ ރޭންކިންގައި އޭޝިއާ ސަރަހައްދުގެ ދެވަނަ އަށް ރޭންކު ކޮށްފައިވާ ގައުމެވެ. މެޗު ކުޅޭ ދަނޑު ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ގަތަރުގެ ވެރިރަށް ދޯހާގައި 1976 ވަނަ އަހަރު ހުޅުވި ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމަކީ ތާރީޙީ ސްޓޭޑިއަމްއެކެވެ. ވޯލްޑް ކަޕަށް އައު ސްޓޭޑިއަމްތައް އިމާރާތްކުރުމާއި ހަމައަށް މި ސްޓޭޑިއަމަކީ ގަތަރުގައި ހުރި އެންމެ ބޮޑު ސްޓޭޑިއަމަކީ މިއީއެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މި ސްޓޭޑިއަމް މަރާމާތުކޮށް އަލުން ހުޅުވާލައިފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުގައެވެ. 45،416 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި އަށް މެޗެއް ކުޅޭނެއެވެ. އޭގެ ތެރޭގައި މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ހިމެނެއެވެ. މި ސްޓޭޑިއަމްގައި އޭޝިއަން ގޭމްސް، ގަލްފް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އިވެންޓްތަކާއި މެޗުތައް ވަނީ ހޯސްޓްކޮށްފައެވެ. ދެޓީމުގެ ތަރިން ޖަރުމަނު: ތޯމަސް މުލާ ޖަރުމަނުގެ ތަރި ތޯމަސް މުލާ ތޯމަސް މުލާ އަކީ މިވަގުތު ޖަރުމަނު ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އަދި މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމަށް އެންމެ ގިނަ މެޗުވެސް ކުޅެދީފައި ވަނީ މުލާ އެވެ. މިހާތަނަށް ގައުމީ ޖާޒީގައި ކުޅުނު 118 މެޗުން 44 ލަނޑު މުލާ ކާމިޔާބު ކޮށްފައިވެއެވެ. ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި އާއި 2010 ވަނަ އަހަރު ތިންވަނަ ހޯދި ޖަރުމަނު ޓީމުގައިވެސް މުލާ ހިމެނެއެވެ. މުލާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގޯލްޑަން ބޫޓާއި، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އިތުރުން ވޯލްޑް ކަޕް އޯލް ސްޓަރ ޓީމުގައި ހިމެނިފައެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ސިލްވާ ބޫޓާއި ސިލްވާ ބޯލްގެ އިތުރުން އޯލް ސްޓާ ޓީމް އަދި ޑްރީމް ޓީމުގައި ހިމެނިފައިވެއެވެ. މީގެއިތުރުން ކުލަބު ފެންވަރުގައިވެސް މުލާ އަކީ އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ޖަޕާން: މާޔާ ޔޮޝީޑާ ޖަޕާނުގެ ކެޕްޓަން މާުޔާ ޔޮޝީޑާ ޖަޕާނުގެ 26 ކުޅުންތެރިންގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނޭ އަށް ކުޅުންތެރިންނަކީ ޖަރުމަނު ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ޖަޕާނުގެ ކެޕްޓަން އަދި ޖަރުމަނުގެ ޝާލްކޭ އަށް ކުޅެމުން އަންނަ މާޔާ ޔޮޝީޑާ އެވެ. ޔޮޝީޑާ އަކީ މީގެކުރިން އިނގިރޭސި ޕްރިމިއަރ ލީގުގެ ސައުތެމްޕްޓަނަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ޔޮޝީޑާ ވަނީ ޖަޕާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް 112 މެޗު ކުޅެދީ 12 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސައުތެމްޕްޓަން އިން އީއެފްއެލް ކަޕުގެ ރަނަރަޕް ކަން 2016-2017 ވަނަ އަހަރުގެ ސީޒަނުގައި ހޯދިއިރު އެޓީމުގައި ޔޮޝީޑާ ހިމެނެއެވެ. އަދި ޖަޕާނުން 2011 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބު ކުރި ޓީމުގައި އާއި 2019 ވަނަ އަހަރު ރަނަރަޕް ކަން ހޯދި ޓީމުގައިވެސް ޔޮޝީޑާ ހިމެނެއެވެ. ހެޑް-ޓު-ހެޑް މިއީ ފީފާ ވޯލްޑް ކަޕުގައި ޖަޕާނާއި ޖަރުމަނު ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އެކުވެރި ކަމުގެ މެޗުތަކުގައި އާއި އެހެން ބައެއް މެޗުތަކުގައި މީގެކުރިން ހަތަރު ފަހަރެއްގެ މަތިން މި ދެޓީމު ވާދަކޮށްފައިވެއެވެ. މީގެތެރެއިން ދެ މެޗު އެއްވަރުވިއިރު އަނެއް ދެ މެޗުން މޮޅުވީ ޖަރުމަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ