ބީއެމްއެލްއަށް 40 - މާލީ ދާއިރާގެ ޒަމާނީ ދުނިޔެއަށް ދިވެހިން

ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެ ކުރިއަރާފައިވާ މާލީ އިދާރާކަމަށްވާ ބެންކު އޮފް މޯލްޑިވްސް ނުވަތަ ދިވެހިންގެ ބެންކު ހުޅުވިގެންދިޔައީ 1982 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ. ބޮޑުތަކުރުފާނު މަގުގައި، މިހާރުގެ ބީއެމްއެލްގެ ހެޑް އޮފީސް ހުރި ތަނުގައި ދެ ބުރިއަށް ހަދާފައިވާ އިމާރާތުގައި ޤާއިމްވެގެންދިޔަ ބެންކް އޮފް މޯލްޑިވްސް ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމްއެވެ.
މީގެ 40 އަހަރު ކުރިން ބެންކް އޮފް މޯލްޑިވްސް ހުޅުވިގެންދިޔައީ އިންޓަނޭޝަނަލް ފައިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީ، ނުވަތަ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމެންޓް އެންޑް ކޮމާސް ބޭންކް (އައިއެފްއައިސީ)ގެ 40 އިންސައްތަ ހިއްސާއާއި ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާއާއެކުއެވެ.
ބެންކު އޮފް މޯލްޑިވްސް އުފެއްދިތާ 10 އަހަރު ފަހުން ސަރުކާރުން ވަނީ 1992 ވަނަ އަހަރު ބީއެމްއެލްގައި އޮތް ބޭރުގެ ހިއްސާ ގަނެ، އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައެވެ. މިއަދު ދިވެހިންގެ ބެންކުގެ 2.62 އިންސައްތަ ހިއްސާއަކީ ދިވެހި ސަރުކާރުގެ ހިއްސާއެވެ. 1.4 އިންސައްތައަކީ ސަރުކާރު ކުންފުނިތަކުގެ ހިއްސާއަށްވާއިރު 7.33 އިންސައްތައަކީ އާއްމުންގެ ހިއްސާއެވެ.
ދިވެހިންނަށް ހިދުމަތް ކުރުމުގައި ބެންކު އޮފް މޯލްޑިވްސްއިން ހޭދަކުރި 40 އަހަރު ތެރޭގައި އެ ބެންކުން ވަނީ ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތުގެ ތެރެއިން ގިނަ ކަންތައްތަކެއް ތައާރަފްކޮށްދީފައެވެ. ކޭޝް ކާޑާއި އޭޓީއެމްގެ ހިދުމަތަކީ ބީއެމްއެލްއިން ދިވެހިންނަށް ތައާރަފްކޮށްދިން ކަންކަމެވެ. މީގެއިތުރުން ރާއްޖެ އަށް އެންމެ ފުރަތަމަ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ޚިދުމަތް ތައާރަފް ކުރުމާއި ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ތައާރަފް ކުރުމާއި ފައިސާ އާއި ޗެކް ޑިޕޮސިޓް ކުރެވޭ މެޝިން އެންމެ ފުރަތަމަ ބެހެއްޓުމަކީވެސް ބީއެމްއެލްއިން ދިވެހިންނަށް ތައާރަފްކޮށްދިން ހިދުމަތްތަކެކެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ބޭންކިންގ ހިދުމަތްވެސް ކުރިއަރަމުންދާއިރު، މިއަދު ދުނިޔޭގެ ކޮންމެތާކު ހުރެގެން، ކޮންމެ ވަގުތުތަކުވެސް ބީއެމްއެލްގެ ހިދުމަތް އެ މީހަކު ބޭނުން ވަސީލަތެއް މެދުވެރިކޮށް ހޯދޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ދުރުގައި އުޅޭ އާއިލާ މެމްބަރުންނާއި ރަށްޓެހިންނަށް ނުވަތަ އެކި ބޭނުންތަކަށް ފައިސާ ފޮނުވާލުމަކީ އަތުގައި އޮތް ފޯނުން ކޮށްލެވޭހާ ފަސޭހަކަމަކަށް ބީއެމްއެލްއިން ހަދައިދީފިއެވެ.
މީގެ 40 އަހަރުކުރިން ކުޑަ ރައުސްމާލަކާއެކު ފެށި ދިވެހި ބެންކުން މިއަދު 3 ލައްކައަށްވުރެ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދައެވެ. ބެންކުގެ ޑިޕޮސިޓް ބޭސް 28 ބިލިއަން ރުފިޔާގައި އުޅޭއިރު، އެސެޓްތަކުގެ އަގު 41 ބިލިއަން ރުފިޔާއަށް އަރައެވެ. 20 އަތޮޅުގައި ހިންގާ 35 ބެންކު ބްރާންޗާއި، 140 ވުރެ ގިނަ އޭޓީއެމާއި، 82 ސެލްފް ސަރވިސް ބެންކިން ސެންޓަރ، 277 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންނާއި 7900 އަށްވުރެ ގިނަ ޕީއޯއެސް މެޝިންތަކާއެކު، ބީއެމްއެލްއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ބެންކިންގ ނެޓްވޯކެވެ. ދިވެހިންގެ ބެންކުގައި 950 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، އޭގެތެރެއިން 99 އިންސައްތައަކީ ދިވެހިންކަން ފާހަގަކޮށްލަންޖެހެއެވެ.
ބީއެމްއެލްއަކީ ހަމައެކަނި ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ނޫނެވެ. ބީއެމްއެލްއަކީ އިޖްތިމާއީ ޒިންމާ އަދާކުރުމުގައި ރާއްޖޭގައި ނަމޫނާ ކުންފުންޏެކެވެ. ސީއެސްއާރާއި މުވައްޒަފުން ތަމްރީނު ކުރުމަށް 300 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް ދާދި ފަހުން ބެންކުން ހިންގާފައިވާއިރު ބެންކުގެ ސީއެސްއާރު ޕްރޮގްރާމްތައް ހިންގަމުންދަނީ މުޖްތަމައަށް ފައިދާހުރި އެކި މަސައްކަތްތަކަށެވެ. މީގެތެރޭގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑާއި ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމް، ރަށްރަށަށްދޭ އެހީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ އެންޖީއޯތަކަށް އެހީވުމާއި، ޓީޗިން ރިސޯސަސް އަދި ފައިނޭންޝަލް ލިޓަރަރީ ޕްރޮގްރާމުގެ އިތުރުން ސެން ކްލާސްތަކަށް އެހީވެދިނުން ހިމެނެއެވެ. މީގެއިތުރުން ތިމާވެށީގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކޮށް، މޫދާއި ކަނޑުތަކުގެ ސާފުކަން ދެމެހެއްޓުމާއި ގޮނޑުދޮށްތައް ހިމާޔަތް ކުރުމުގެ ޕްރޮގްރާމްތައް ބީއެމްއެލްގެ އެހީތެރިކަމާއެކު ދަނީ ހިންގަމުންނެވެ.
ބީއެމްއެލްއަށް 40 އަހަރު ފުރިގެންދާއިރު މިއަދު އެ ބެންކަކީ ދިވެހިން ހޯދާފައިވާ ކުރިއެރުމާއި ތަރައްޤީގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެއްކަމާމެދު ޝައްކެއް ނެތެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ ބެންކަކީ ދިވެހިންނަށް އެކި ގޮތްގޮތުން ތަރައްޤީއާއި ކުރިއެރުންތައް ގެނެސްދިނުމުގައި އެހީތެރިވެދިނުމުގައި ދެމިއޮންނާނެ ބެންކެއްކަމުގެ ޔަގީންކަން ބީއެމްއެލްއިން އަލަށް ތައާރަފްކުރަމުންދާ ޕްރޮޑަކްޓަކާއި ހިދުމަތްތަކުންވެސް ޔަގީންކޮށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ