50 އަށްވުރެ ގިނަ ސްޓޯލާއެކު "ވުނަދާނަ ފެސްޓިވަލް" މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި

"ވުނަދާނަ ފެސްޓިވަލް"ގެ ނަމުގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން މިއަދު ހަވީރު ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
އާރޓިފިޝިއަލް ބީޗްގައި 1 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
މި ފެސްޓިވަލްއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީ ގުޅިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީއަށް ފެތޭ ހުރިހާ ވިޔަފާރިތަކަކަށް ބައިވެރިވެވޭނެއެވެ. ބީސީސީން ބުނީ މި ފެސްޓިވަލްއަށް ވިޔަފާރިތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފެސްޓިވަލްގައި 50އަށްވުރެ ގިނަ ވިޔަފާރިންވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ކުޑަކުދިންވެސް މި ފެސްޓިވަލްގައި ބައިވެރިވެފައިވާކަމަށް ބީސީސީން ހާމަކުރެއެވެ.
ބީސީސީއިން ބުނީ "ވުނަދާނަ ފެސްޓިވަލް" ގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ވިޔަފާރިތަކާއި ގުޅުންހުރި އެހެން ކުންފުނިތަކުންވެސް އެ ފަރާތްތަކުގެ ސްޓޯލްތައް ބަހައްޓައިގެން މައުލޫމަތު ފޯރުކޮށްދޭނެކަމަށެވެ. މި ސްޓޯލްތަކުން އެ މުވައްސަސާތަކުން ފޯރުކޮށްދޭ ވިޔަފާރިއާއި ގުޅުންހުރި ޙިދުމަތްތަކާއި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.
ބީސީސީން ވަނީ ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް މިފަދަ ފެސްޓިވަލްއެއް ބާއްވާފައެވެ. އެ ހަރަކާތަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ބީސީސީން ބުނެއެވެ. އަދި އެ ފެސްޓިވަލްއަށް ލިބުނު ތަރުހީބަށް ބަލައި ގިނަ ފަރާތްތަކުން މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް އެދިފައިވާކަމަށްވެސް ބީސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ