ސުންނަތަށް އުޅެމުންދިޔަ ދީނަށް ލޯބިކުރާ އަޚުންތަކެއް ފިތުރު އީދުގެ އުފާފާޅުކުރުމަށް ސައްލާކުރިއެވެ. އެމީހުން ސައްލާކުރީ ކައިރި ރަށަކަށް އީދު ދުވަހު ޕިކްނިކް ދިއުމަށެވެ. އެކަކު ބުންޏެވެ. ކޮންމެ މީހެއްގެ އަތުން ޗަންދާގެ ގޮތުގައި ދުއިސައްތައެއްހާ ރުފިޔާ ނަގައިގެން ދަތުރު ހަމަޖެއްސީމާ ޖުމުލަ މިހާވަރުގެ ފައިސާ ހަރަދުވާނެއެވެ. އަހަރެމެން މި ފައިސާ ހަރަދުނުކޮށް ފަގީރުކަމުގައި އުޅޭ މީހުންނަށް މި ފައިސާ ހޭދަކޮށްލުން މާ ރަނގަޅުވާނެއެވެ. މީނާގެ މި ވިސްނުމަށް އިތުރު ކުއްޖަކު ތާއީދުކޮށްފިއެވެ.
ކޮންމެއަކަސް ހުރިހާ އަޚުން ނިންމީ އެ އަހަރުގެ އީދު ފާހަގަކުރުމަށް ޕިކްނިކް ދިއުމަށްވުރެ، އެންމެން އަތުން ނަގާ ޗަންދާއިން ފަގީރުންނަށް ސަދަގާތެއް ކުރުން މާބޮޑަށްވެސް އިސްލާމްދީނާ ގާތްވެފައި ދީންވެރިކަމުގެ ގޮތުން މާރަނގަޅުވާނެ ކަމަށެވެ. އަޅުގަނޑާ މިދިޔަ ހަފުތާގައި މީހަކު ކުރި ސުވާލަކީ މިކަމާމެދު ދެކޭގޮތަކީ ކޮބާހެއްޔެވެ؟ އަދި ބުންޏެވެ. މިހާރު އިރާން ހަނގުރާމަ މިހިސާބުގައި އޮއްވައި އަހަރެމެންނަށް އީދުގެ އުފާފާޅުކުރެވިދާނެހެއްޔެވެ؟
އަޅުގަނޑުގެ ކުރީގެ ދެ ލިޔުމެއްގައި ދަންނަވާލި ފަދައިން މުސްލިމުންގެ ކާބަފައިން ރޯދަ މަސް ހޭދަކުރަމުން އައީ އެއީ ހުރިހާ ކަމަކުން ޗުއްޓީ ނަގައިގެން އެނދުމަތީގައި އެޑްމިޓްވެގެން ކުރާ ސާޖަރީއެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި މުސްލިމުންގެ ކާބަފައިން ރޯދަ ހިފަމުން އައީ އެބައިމީހުން އާދަވެގެން އުފުލަމުންދިޔަ ޒިންމާތަކަށް އިތުރުކުރާ އަޅުކަމެއްގެ ގޮތުގައެވެ.
އެހެންކަމާއެކު ކިތަންމެ ހަނގުރާމައެއް ރޯދަ މަހާ ދިމާވިކަމަކީ ތާރީހީ ހަގީގަތެކެވެ. އޭގެ ބައެއް ހަނގުރާމަ ނިމިފައި ހުރީ ފިތުރު އީދަށް ފަހުއެވެ. ހަމަ އެގޮތަށް ބައެއް ހަނގުރާމަތައް ހައްޖު ދުވަސްވަރާއި ބޮޑު އީދާ ވެސް ދިމާވެފައި އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް ހަނގުރާމަތަކުގައި އިންތިހާ ހިތާމަޔާއި ނާކާމިޔާބު ވެސް މުސްލިމުންނަށް ލިބިފައިވެއެވެ. އެކަމަކު އީދު ފާހަގަކޮށްފައިވާކަން ތާރީހުން ސާބިތުވެއެވެ.
މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާންގެފާނު ޝަހީދުކޮށްލެވުނު ހާދިސާ ހިނގީ ބޮޑުއީދުގެ ފަހަށް އަންނަ އައްޔާމުއްތަޝްރީޤު ދުވަސްތަކުގެ ތެރޭގައެވެ. އޭގެ ކުރިޔަށް އިތުރު އެކަލޭގެފާނުގެ ގެކޮޅު ކައިރިއަށް މީހުން އެއްވެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ހިތާމަވެރި ދުވަސްތައް ގުނަމުން ދިޔަ ނަމަވެސް މުސްލިމުން އީދު ފާހަގަކޮށްފައިވެއެވެ.
އަހަރުތައް ތަކުރާރުވަމުން ގޮސް ބަރަކާތްތެރި ރަމްޟާން މަސް ނިމިގެން އަނެއްކާވެސް އަޅުގަނޑުމެން މަރުހަބާ މި ކީ ފިތުރު އީދަކަށެވެ. އިސްލާމީ އުންމަތް އޮތީ ކޮންމެ އިހުލާސްތެރި މުއުމިނެއްގެ ލޮލުން ކަރުނައަޅަންޖެހޭ ހާލަތުގައެވެ. އިރާން ހަނގުރާމައިން ދައްކައިދެމުންދަނީ ހާއްސަކޮށް ސުންނީ މުސްލިމުންގެ މެދުގައި އިސްލާމީ ރޫޙު ނެތިގޮސްފައިވާ މިންވަރެވެ.
އެކަމަކު މިއައީ އީދެވެ. އެދުވަސް ފާހަގަކުރުން އިސްލާމްދީން ވަނީ އަހަރެމެންގެ މައްޗަށް ލާޒިމްކޮށްފައެވެ. މިކަމުގައި ފޮރުވިފައި ހުރި ހިކުމަތްތަކެއް އެބަހުއްޓެވެ. ދިރިއުޅުމުގައި އަމަލުކުރަންޖެހޭ ގޮތުން ދަސްކުރަންޖެހޭ ފިލާވަޅުތަކެއް އެބަހުއްޓެވެ.
އިސްލާމްދީނުގައި މުސްލިމުންގެ މައްޗަށް އަހަރެއްގެތެރޭގައި ދެ އީދެއް ފާހަގަކުރުން ލާޒިމްވެފައި އެބަ އޮވެއެވެ. އެއީ ބަރަކާތްތެރި ރަމްޟާން މަސް ނިމިގެން އަންނަ ފިތުރު އީދާއި ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ބަރަކާތްތެރި އަޟްޙާ އީދެވެ. މި ދެއީދުވެސް ގުޅި ލާމެހިފައި މިއޮންނަނީ އިސްލާމްދީނުގެ ދެ ރުކުނެއްގެ ގޮތުގައިވާ ދެ އަޅުކަމަކާއެވެ. އެއީ އަހަރަކު އެއްފަހަރު ކުރެވޭ އަޅުކަމަކާއި އުމުރުން އެއްފަހަރު ކުރުން ވާޖިބުވާ އަޅުކަމެކެވެ.
މި ދެއަޅުކަމުގެ ތަބީއަތަށް މިވަގުތުގައި ވިސްނަމާހެއްޔެވެ. ރޯދައަކީ ކެއުމާއި ބުއިމުން ދުވާލުގެ ވަގުތުތަކުގައި އެކީއެކަށް މަނާވެގަނެގެން މަސްދުވަހުގެ މުއްދަތަށް ހިންގޭ އަޅުކަމުގެ މޫސުމެކެވެ. އޭގައި ތަކުލީފުތަކެއްވެއެވެ. ބުރަތަކެއް ވެއެވެ. ހަމަ މިގޮތަށް ޙައްޖަކީ ވެސް އޭގައި ދަތުރުކުރުމާއި މިނޫންވެސް ވަރަށް ގިނަ ބުރަ ކަންކަން އޭގައި ހިމެނިފައިވާ އަޅުކަމެކެވެ. އިސްލާމްދީން އަންގަނީ މި ކަންކަމަށް ފަހު އުފާފާޅުކުރުމަށެވެ. އީދުކުރުމަށެވެ.
މިކަމުން ލިބިގަންނަންޖެހޭ ފިލާވަޅުތަކަކީ މި އަޅުކަންތަކާއެކު އީދުކުރުމުން ނިމޭ ކަމެއްކަމުގައި ނަހައްދަވާށެވެ! އިސްލާމްދީނަކީ ދުނިޔޭގައި އުޅެންވީ ގޮތުގެ ވެސް ނަމޫނާއެވެ. ބޮޑު ދެ އަޅުކަމެއްގެ ފަހަތުގައި ދީނީގޮތުން ފާހަގަކުރުން ދެ އީދެއް ލައްވާފައިވާކަމުން ތަފާތު އެކި ދޭހަތަކާއި މާނަތައް އަދި ފިލާވަޅުތަކާއި އިބުރަތްތައް ލިބިގަނެވެއެވެ.
ދިރިއުޅުމަކީ ސީރިއަސް ވަޒީފާތަކެއްގެ އިތުރުން އުފާކުރުމާއި މަޖާކުރުން އޮންނާންޖެހޭ ކަމެކެވެ. ހަމަ މިބީދައިން، ދިރިއުޅުމުގެ ސީރިއަސްކަން އިހުސާސްކޮށް ގަތުމަކާ ނުލައި އަބަދު މަޖާކުރުމަކީ އޭގެ ޒާތުން އުފާކުރުމާއި މަޖާކުރުމުގެ ހަގީގީ ރާހަތުން މަހުރޫމްކުރުވާނެ ކަމެކެވެ. އިސްލާމްދީން ގޮވަނީ އަބަދު ސީރިއަސްކަންމަތީ އުޅުމަކަށް ނޫނެވެ. އަދި އަބަދު މަޖާކުރުމަކަށްވެސް ނޫނެވެ. ޒިންމާދާރުކަމާއެކު ދިރިއުޅެފައި، އުފަލާއި މަޖާކޮށް އުޅުމަށެވެ. އޭގެ ހަގީގީ ރާހަތު ލިބިގަނެވޭނެ ގޮތުގައެވެ.
ދެއީދު ދުވަސް ފާހަގަކުރުން އީދު ނަމާދުން ފަށާ ގޮތަށް އޮންނަ ސަބަބަކީ ވެސް ވިސްނާ ބުއްދިކުރުން މުހިންމު މައުލޫއެކެވެ. ނަމާދަކީ އޭގެ ޒާތުން އިސްލާމްދީނުގެ ރުކުނެކެވެ. އީދު ދެ ނަމާދުން އިޝާރާތްކުރަނީ އިސްލާމްދީނުގެ ހުރިހާ ރުކުންތަކެއް ގުޅުވި ލާމެހިފައިވާލެއް ފުރިހަމަކަމުގެ މައްޗަށެވެ. ބުނާ ކަހަލައެވެ. އުފާކުރިޔަސް ދީނުގެ ތަނބުކަމުގައިވާ ނަމާދުގެ މަތީން ހަނދާން ނައްތާލައިގެންނެއް ނުވާނެއެވެ. އެހެނީ އިންސާނާގެ ދިރިއުޅުން ހަމަ މަގުގައި ބަހައްޓައި ތަރުތީބުމަގުން ދުނިޔެ އާރާސްތުކުރުމަށް ﷲ ގެ މަތީން އަބަދުމެ ހަނދާންކުރުމާއެކު ޓައިމް މެނޭޖްކުރުމާއި ސެލްފް ޑިސިޕްލިންއަކީ އެންމެ މުހިންމު ބައެވެ. އެއީ އެއްވެސް ދުވަހަކު އެއްވެސް ވަގުތަކު އިންސާނުންނަށް ޗުއްޓީ ނެގޭ ބާވަތުގެ ކަންކަމެއް ނޫނެވެ. އެހެން ނުވާނަމަ އިންސާނީ ސިވިލައިޒޭޝަން ދާނީ ފަހަތަށެވެ.
ފިތުރުއީދާ ގުޅިފައި އޮންނަ އަނެއް ކަމަކީ ފިތުރު ޒަކާތެވެ. އުފާވެރިކަމުގައި ފަގީރުންނާއި ނުލިބޭ މީހުން ބައިވެރިކުރުމުގެ މަގުސަދު އެކަމުން ހާސިލުކުރުމަށެވެ. މިކަމަކީ ވެސް މި ލިޔުމުގެ ފެށުމުގައި އަޅުގަނޑު ކިޔައިދިން ވާހަކައިގެ ބަހުސަށް ވެސް ޖަވާބެއް ދޭ ކަމެކެވެ. ފިތުރު އީދުގައި ފަގީރުން ބައިވެރިކުރާނީ އީދު ފާހަގަކުރަން އޮންނަ ހަރަދު ގުރުބާންކޮށްލައިގެންނެއް ނޫނެވެ. އެކަމަކު ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނަށް ކުރެވޭ ސަދަގާތުގެ ޒަރީއާއިންނެވެ. ހަމަ އެގޮތަށް އަހަރަކު އެއްފަހަރު ކުރެވޭ ޙައްޖަށްފަހު އަންނަ ބޮޑު އީދާ ގުޅިފައި ޒަކާތެއް ނެތަސް، އަހަރަކު އެއްފަހަރު ނެރެން އޮންނަ މުދަލު ޒަކާތް އެބައޮވޭ ނޫންތޯއެވެ.
މިކަންކަމުން އެނގިދަނީ އިސްލާމްދީނުގެ ރުކުންތައް އޭގެ އެއް ރުކުން އަނެއް ރުކުނާއި ގުޅި ބުގިސްވެފައިވާލެއް ފުރިހަމަ ކަމެވެ. އިސްލާމްދީނުގެ ފުރިހަމަކަމެވެ. ވަޒަންހަމަކަމެވެ. ދިރިއުޅެން މިއަށްވުރެ ރަނގަޅު ތަރާދުހަމަ ފަލްސަފާއެއް ނެތްކަމެވެ. އެހެން އެކަން ނުވާންވީ ސަބަބެއް ނެތެވެ. މިއީ އާލަމްތަކުގެ ވެރި ﷲ އަހަރެމެން އަޅުތަކުން ދިރިއުޅެންވީ ގޮތް ކަމުގައި ބަޔާންކުރެއްވި ގޮތެވެ.
އުފާކުރުމާއި މަޖާކުރުމަކީ ދީނީ ކަމެކެވެ. އަޅުކަމެކެވެ. އީދުގެ ދެ ނަމާދުން ދައްކައިދޭ އެންމެ ބޮޑު ހަގީގަތަކީ އުފާކުރުމާއި މަޖާކުރުމަކީ އޭގައި ހައްދެއް އިމެއް ނެތްކަމަކަށް ނުހެދޭނެ ފަދައިން އުފަލާއި މަޖަލަކީ ދީނާ ދުރަށް ވެސް ނުލެވޭނެ ކަމެއް ކަމެވެ. ދީން އަންގަނީ އަދި ލާޒިމްކުރަނީ ތަރުތީބުމަގުން ސުލޫކާއި އަހުލާގު ހިފަހައްޓައިގެން އުފަލާއި މަޖާކުރުމަށެވެ. ސާދަސަތޭކަ ސާޅީސް ހަތްވަނަ އަހަރުގެ ފިތުރު އީދު ދުވަހުގެ ހެޔޮ އެދުންތައް ހިތުގެ ލޯތްބާއެކު ފޮނުވަމެވެ.
އުފާކޮށް މަޖާކޮށް ހެދުމަކީ ދީނީ ވާޖިބެއް އުފާކޮށް މަޖާކޮށް ހެދުމަކީ ދީނީ ވާޖިބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ