ރާއްޖޭގައި މިވަގުތު އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ރައީސް ޔާމީން: ސާވޭ
މިހާރު މުޅި ރާއްޖޭގައި އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް 391 މީހުންގެ މެދުގައި ބާނި ސެންޓަރު ފޯ އިންޓަނޭޝަނަލް ޕޮލިސީން ޖަމިއްޔާއިން ނެގި ޕޯލްއަކުން ދައްކާފައިވާ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.ބާނި ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހަ ސިޔާސީ ލީޑަރަކު 10 އިން ރޭންކްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ރައީސް ޔާމީނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.މިދިޔަ ނޮވެންބަރު 23 އިން ފެށިގެން ޑިސެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށް 391 މީހެއްގެ ޖަވާބު އެ ޖަމިއްޔާއިން ހޯދާފައިވެ އެވެ. ލިބިފައިވާ ޖަވާބުތަކަށް ބަލައި ބާނި ޖަމިއްޔާއިން އާންމުކުރި ރޭޓިންގައި އެންމެ މަތިން މާކްސް ލިބުނީ ރައީސް ޔާމީނަށެވެ. އެ މަނިކުފާނަށް ވަނީ 5.6 ގެ ރޭޓިންއެއް ލިބިވަޑައިގެންފަ އެވެ. ދެވަނައަށް 5.3 ގެ ރޭޓިންއެއް ލިބިވަޑައިގެންނެވީ ރައީސް މުއިއްޒަށެވެ.ކުރީގެ ރައީސް ނަޝީދަށް 4.9 ގެ ރޭޓިންއެއް ލިބިވަޑައިގެންއިރު، ސޯލިހަށް ލިބިވަޑައިގަތީ 4.5 ގެ ރޭޓިންއެކެވެ. އަބްދުﷲ ޝާހިދަށް 2.3ގެ ރޭޓިންއެއް ލިބިވަޑައިގެންފައިވާއިރު، ފައްޔާޒަށް ލިބިވަޑައިގަތީ 2.1 ގެ ރޭޓީންއެކެވެ.ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އަންދާޒާގައި ވާގޮތުން ރާއްޖޭގެ ވޯޓުލެވޭ އާބާދީއަކީ 274،000 ކަމަށާއި އެހެންވެ 384 މީހުންގެ ޖަވާބުން 95 އިންސައްތަ ޔަގީންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ރިޕޯޓުގައިވެއެވެ.މީގެ ކުރިން ބާނި ޖަމިއްޔާއިން ނެގި ޕޯލްއަކުން ވަނީ 62 އިންސައްތަ މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާ ގޮތް 'އެޕްރޫވް'ކުރާ ކަމަށް ނުވަތަ އެ މަނިކުފާނަށް ތާއީދުކުރާ ކަމަށް ވެސް ދައްކާފައެވެ. އެއީ، ރައީސްގެ އެޕްރޫވަލް ރޭޓިން ނުވަތަ ތާއީދު ހުރި މިންވަރު ވަޒަންކުރި ނެގި ސާވޭއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ