ހދ.އަތޮޅު ކައުންސިލުން މިލިއަނުން އެހީދިންއިރު، އެ ފައިސާ ބޭނުންކުރިގޮތް ބަލާފައެއްނުވޭ: އޮޑިޓް

ހދ.އަތޮޅު ކައުންސިލުން އެކި ފަރާތްތަކަށް އެހީގެ ގޮތުގައި މިލިއަނުން އެހީދިންއިރު، އެފަރާތްތަކުން ފައިސާ ބޭނުންކުރިގޮތް ބަލާފައެއްނުވާކަމަށް އޮޑިޓަރ ޖެނެރަލް ރިޕޯތްގައި ބުނެފިއެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލް އިދާރާއިން އެއަހަރު ރަށު ކައުންސިލް އިދާރާތަކަށް ސޯލާ ޕެނަލް ހަރުކުރުމަށާއި ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް އެހީ ދޫކޮށްފައިވާއިރު، ފަހުން އެކަންކަން ހިނގާފައިވާގޮތް ބަލައި ވިލަރެސް ކޮށްފައިނުވާ ކަމަށެވެ. ކައުންސިލުން ވަނީ އެ ކަންކަމަށް 1.8 މިލިއަން ރުފިޔާ އެފަރާތްތަކަށް ދޫކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެހީދިނުމަށް ތައްޔާރުކޮށްފައިވާ އުސޫލާއި، އެހީދިނުމާއި ގުޅޭގޮތުން އަތޮޅު ކައުންސިލާއެކު ވެފައިވާ އެއްބަސްވުންތަކުގައި އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން ރަށު ކައުންސިލް އިދާރާތަކުން އަމަލުކުރޭތޯ ޔަގީންކުރަން ވާނޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލުން އެގޮތަށް އަމަލުކޮށްފައިވާކަން ލިޔެކިޔުމުން އެނގެން ނެތްކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ބައެއް އެއްބަސްވުންތަކުގެ މުއްދަތު ހަމަވެގެންދިޔައިރު، އެއްބަސްވުމުގެ މުއްދަތު އެއްވެސް ވަރަކަށް އައުކޮށްފައި ނުވާއިރު، މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ އެހީގެދަށުން ދޫކޮށްފައިވާ ފައިސާއަށް ހަދާނޭގޮތެއްވެސް ބަޔާންކޮށްފައި ނުވާކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ހދ.އަތޮޅު ކައުންސިލުން ދިން 1.8 މިލިއަން ރުފިޔާގެ އެހީގެ ދަށުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 9 ރަށެއްގެ ކައުންސިލަކަށް ވަނީ 765،000 ރުފިޔާ ދޫކޮށްފައެވެ. އަދި ސޯލަރ ޕްރޮޖެކްޓް ހިންގުމަށް ވަނީ 1،038،456 ރުފިޔާ ދޫކޮށްފައެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އަތޮޅު ކައުންސިލް އިދާރާއިން ކައުންސިލްތަކަށް ދީފައިވާ މާލީ އެހީ ގަވާއިދުން މޮނިބޓަރކޮށް، އެއްބަސްވުމުގައި މުއްދަތަށް މަސައްކަތް ފުރިހަމަ ނުކުރެވިއްޖެނަމަ، އަޅާނެ ފިޔަވަޅުތައް އެހީ ދިނުމުގެ އެއްބަސްވުމުގައި ހިމެނުމަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ