"ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ ލަޝްކަރަކީ ސިފައިން"

ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ ލަޝްކަރަކީ ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެއްޖެގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ސިފައިންގެ 134 އަހަރުގެ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ދިވެހި ޤައުމަށްޓަކައި ރެޔާއިދުވާލު ސިފައިން ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިފައިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ރަސްމީގޮތެއްގައި ދިވެހި ސިފައިންގެ ޚިދުމަތް ފަށާފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ދުވަހުއެވެ. މިއާއެކު ކޮންމެ އަހަރެއްގެވެސް އެޕްރީލްމަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.
ކޮންމެ އަހަރަކުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. އެގޮތުން، މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މީގެ އިތުރުން އަންނަ މަހުގެ 2ވަނަ ދުވަހު، މާލޭގެ މަގުތަކުގައި ސިފައިންގެ އަސްކަރީ ހިނގާލުން ބާއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9ވަނަ ދުވަހުގެ ރޭގައެވެ.
މި ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ