ފިހާރައަކަށް ވަދެ، ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއް ބަލަނީ

ފިހާރައަކަށް ވަދެ، ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައި ވަނީ ބިރުދެއްކުމާއި ފޭރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ކޯޓުގައި ވަނީ އެ މީހާ ފިހާރައަކަށް ވަދެ، ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުނު ކަމަށް ތުހުމަތުވާ ކަމަށް ވިދާޅުވެފައެވެ. އޭނާއަކީ ހައްޔަރާއި ބަންދު ރެކޯޑް އޮތް މީހަކަށް ވާތީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް އައިއޯ ވިދާޅުވިއެވެ. ހައްޔަރުކުރި މީހާ، އޭނާގެ ދިފާއުގައި ވަނީ ފިހާރައަށް ވަދެ ފައިސާ ނެގި ނަމަވެސް، ވަޅިން ބިރު ދައްކައިފައި ނުވާނެ ކަމަށް ބުނެފައެވެ. އެ މައްސަލައިގެ ބަންދު އަމުރުގައި ވަނީ އޭނާ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ސީސީޓީވީ ސްނެޕްޝޮޓްތައް ހުށަހަޅައިފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންވެ، އެ މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުކުރޮށްފައެވެ. މާލެ ސަރަހައްދުގެ ފިހާރަތަކަށް ވަދެ، ފައިސާ ފޭރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ތަހުގީގުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ