ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ދެކުނު ކަނޑު ސިފައިން ބަލަހައްޓަން ފަށައިފި

ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ، މޮރިޝަސް އިން ހުށަހެޅި މައްސަލާގައި ރާއްޖެއިން ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭހެން، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަވައިލަންސް އޮޕަރޭޝަނެއް އެމްއެންޑީއެފްއިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ވެރިކަމާހަވާލުވުމަށްފަހު، ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޭރު ވައުދުވެޑައިގަތެވެ. 
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މިދިޔަ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދު ވެސް ހިމެނޭ ކަމާއި ރާއްޖޭގެ  ސަރަހައްދަށް  އެއްވެސް  ބަދަލެއް  ނާންނަކަން  އިއުލާންކުރައްވައިފަ އެވެ. 
ބުނީ ކީކޭ؟ - ރައީސް މިގޮތަށް އިއުލާންކުރައްވާފައިވަނިކޮށް، ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސަރަަހައްދާއ، ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށްވާތީ ރައީސް ނިންމަވާފައިވާގޮތަށް ދެކުނު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ދިވެހި ސިފައިން ކުރަމުންދާނެ ކަމަށެވެ. 
"ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ސަރަހައްދުތަކަށް އެެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާތީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކުރާ ރާއްޖޭގެ ސަރަހައްދުތައް ދިފާއުކޮށް، ހިމާޔަތްކޮށް ބެލެހެއްޓުމަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ވީހިނދު، މި މަސްއޫލިއްޔަތު އަސްކަރިއްޔާގެ ގާބިލުކަން ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އިހުލާސްތެރިކަމާއި ފަރުވާތެރިކަމާ އަދި ސާބިތުކަމާއެކު ދިވެހި ސިފައިން އަދާކުރާނެ ކަމުގައި ދަންނަވަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އޭގެފަހުން، އެމްއެންޑީއެފް އިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ އާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް އިއްޔެ ފަށާފައިވާކަން ހާމަކޮށްފަ އެވެ.
މި ސަވައިލަންސް އޮޕަރޭޝަނުގައި، ރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ ސިޔާދަތީ ގާބިލުކަން ހޯދުމަށް ފާއިތުވި 2 އަހަރު ސަރުކާރުން ކުރި މަސައްކަތުން ކަނޑާއި ވައިގެ ޒަމާނީ އުޅަނދުތައް ހިދުމަތައް ނެރެވި ކަނޑުތައް ބެލެހެއްޓޭނެ އިތުރު ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ:
ރާްއްޖޭގެ އުތުރުން 200 ނޯޓިކަލް މޭލު ނުލިބޭ އަވަށްޓެރި ގައުމުތަކާއެކު 31 ޖުލައި 1976ގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ 'ޑިޓާމިނޭޝަން އޮފް ދަ ޓްރައި ޖަންކްޝަން ޕޮއިންޓް އިން ދަ ގަލަފް އޮފް މަނާރު' އެއްބަސްވުން ފިޔަވައި ކަނޑުގެ ސަރަހައްދުން އެއްވެސް މިންވަރެއް ގެއްލިދާނެ އެއްވެސް އެއްބަސްވުމެއް ސަރުކާރުން އެކުލަވާލާފައެެއް ނުވޭ
ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރޭ
ރާއްޖޭގެ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފަނުވާނުވާ ކަމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާތީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަމުގައި ބަލާނީ 'ރާއްޖޭގެ ކަނޑުގެ ސަރަަހައްދުތަކާބެހޭ ގާނޫނު'ގައި ބަޔާންކުރާ ސަރަަހައްދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ