ސިއްހީ މައުލޫމާތު ހޯދުމަށް 40 މިލިއަނަށް ވުރެ ގިނަ މީހުން ޗެޓްޖީޕީޓީ ބޭނުންކުރޭ: ރިޕޯޓް
އޯޕަން އޭއައިގެ ޗެޓްޖީޕީޓީ މެދުވެރިކޮށް ސިއްހީ މައުލޫމާތާއި އިރުޝާދު ހޯދާ މީހުންގެ އަދަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 40 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޗެޓްޖީޕީޓީ މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކުގެ ފަސް އިންސައްތައަށް ވުރެ ބޮޑު ބަޔަކީ ސީދާ ސިއްހީ ކަންކަމާ ގުޅުންހުރި ސުވާލުތަކެވެ. މި ސުވާލުތަކުގެ ތެރެއިން އެންމެ ގިނައީ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައުލޫމާތު ކަމަށްވާއިރު، އިންޝުއަރެންސް ޕްލޭންތައް އަޅާކިޔުމާއި، ކްލެއިމްތަކާއި ބިލްތަކާ ގުޅޭގޮތުން ހަފުތާއަކު ގާތްގަނޑަކަށް 1.6 މިލިއަނާއި 1.9 މިލިއަނާ ދެމެދުގެ އަދަދަކަށް މެސެޖު ލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. https://sun.mv/215758 ސިއްހީ ޚިދުމަތްތައް ހޯދުމުގައި ދަތިތައް ހުރި ރަށްފުށުގެ ސަރަހައްދުތަކުން ހަފުތާއަކު 600,000 އަށް ވުރެ ގިނަ ސިއްހީ ސުވާލު އަންނައިރު، މީގެ ތެރެއިން 70 އިންސައްތަ ސުވާލު ހުށަހަޅަނީ އާންމުކޮށް ކްލިނިކްތައް ބަންދު ގަޑިތަކުގައިކަން ފާހަގަކުރެވެއެވެ. އޯޕަން އޭއައިއިން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ޖީޕީޓީ-5 މޮޑެލް ނެރުނުއިރު، އެ މޮޑެލްގެ އެންމެ ބޮޑު އެއް އަމާޒަކީ ސިއްހީ ދާއިރާގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރުދަނާ ނަތީޖާއެއް ދެއްކުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މިދިޔަ ޑިސެމްބަރު މަހު އެމެރިކާގައި ކުރި ސާވޭއަކަށް ބަލާއިރު، ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ 55 އިންސައްތަ މީހުން ބަލީގެ އަލާމާތްތައް ދެނެގަތުމަށް މި ވަސީލަތް ބޭނުންކުރާއިރު، 48 އިންސައްތަ މީހުން ބޭނުންކުރަނީ ސިއްހީ ބަސްތަކާއި އިރުޝާދުތައް އޮޅުންފިލުވުމަށެވެ. މީގެ އިތުރުން، އެ ސާވޭގައި ބައިވެރިވި މީހުންގެ 44 އިންސައްތަ މީހުން ވަނީ ބަލިތަކަށް ފަރުވާ ހޯދޭނެ އެކި ގޮތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަން ހޯދާ ކަމަށް އެއްބަސްވެފައެވެ. މި ކުރިއެރުމުން ދޭހަވަނީ އާންމުކޮށް ސިއްހީ މައުލޫމާތު ހޯދުމުގައި ހުރި ދަތިތަކާއި، ޚާއްސަކޮށް ސިއްހީ މާހިރުންނާ ބައްދަލުކުރުމުގެ ފުރުސަތު ކުޑަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މިފަދަ ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމެވެ. ނަމަވެސް އޭއައި މެދުވެރިކޮށް ނުބައި މައުލޫމާތު ދެވުން ނުވަތަ 'ހެލޫސިނޭޝަން' ގެ މައްސަލައަކީ އަދިވެސް އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިފަދަ ނާޒުކު ދާއިރާއަކުން ނުބައި އިރުޝާދެއް ދެވިއްޖެނަމަ އެއީ ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ. އޯޕަންއޭއައިއިން ބުނެފައިވަނީ ސިއްހީ ދާއިރާއާ ގުޅުންހުރި ޖަވާބުތަކުގެ ސައްހަކަން އިތުރުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށާއި، މި ވަސީލަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ މައުލޫމާތުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ