ރާއްޖޭގައި ތިބި އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިޔުމަށް އެގައުމުން އަންގައިފި

ރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖެ ދޫކޮށް ދިޔުމަށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
ރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖޭން ފައިބާން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައިވަނީ އެގައުމުގެ ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖޭގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަކަން އިއްޔެ އިއުލާނު ކުރުމާއި ގުޅިގެންނެވެ
އިސްރާއީލްގެ ހަބަރުތަށް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލްގައި ރިފޯޓްކޮށްފައިވާގޮތުގައި އިސްރާއިލްގެ ޕާސްޕޯޓްގައި ނުވަތަ އެހެންވެސް ޕާސްޕޯޓެއްގައި ރާއްޖެ ނުދިޔުމަށާއި ރާއްޖޭގައި މިހާރުތިބި އިސްރާއީލްގެ މީހުން ރާއްޖެ ދޫކޮށްދިޔުމަށް ފޮރިން މިނިސްޓްރީން އަންގާފައިވާކަމަށެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ތިބި އިސްރާއީލް މީހަކަށް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ އެހީތެރިވުމަށް އިސްރާއީލަށް ދަތިވާނެ ކަމަށެވެ.
ފަލަސްތީނުގެ ބިންތަކުގައި ވެރިވެގަނެގެން އުޅޭ ގިނަ އިސްރާއީލުގެ މީހުންނަކީ ދެ ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކެކެވެ. އެހެން ކަމުން އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރި ނަމަވެސް، އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެމީހުންނަށް ރާއްޖެއަށް އެތެރެވެވޭނެއެވެ.
ދިވެހި ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް އިސްރާއީލުގެ 11،000 އާއި ގާތްކުރާ އަދަދެއްގެ އިސްރާއީލް ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އިސްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަށް ސަރުކާރުން ނިންމި ނަމަވެސް، އެކަން ފުރިހަމަ ވާނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވިގެންނެވެ. އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ