ބައްސާމް އަމިއްލަ ކަންކަމަށް އެފްއޭއެމްގެ 12 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑުބައެއް ބޭނުންކުރި: ޕީޖީ

ފީފާއިން އެފްއޭއެމް އަށް ދިން 12 މިލިއަން ޑޮލަރުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާގެ އަމިއްލަ ބޭނުން ތަކަށް ބޭނުން ކޮށްފައި ވާކަމަށް ޕީޖީން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ އެފްއޭއެމްއަށް ފީފާއިން ދޭ ފައިސާ އެފްއޭއެމްގެ ރައީސާއި އެފްއޭއެމްގެ މުވައްޒަފުންގެ ޕަރސަނަލް އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާކަމަށް އެ އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް މައްސަލަ ތަޙުޤީޤުކުރުމުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލުން ނެރުއްވި ކަމަށެވެ.
މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޖެނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިއަން ޔޫ.އެސް ޑޮލަރު) ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވާ ކަމަށާއި އެއީ ދިވެހި ރުފިޔާއިންނަމަ 191،208،000.00 (އެއްސަތޭކަ ނުވަދިހަ އެއް މިލިއަން ދެލައްކަ އަށްހާސް ރުފިޔާ) ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރުފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމްއިން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އެފްއޭއެމްގެ އެކައުންޓުން އެފްއޭއެމްގެ ރައީސް ގ.ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށެެވެ. އަދިބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "ސޭލްސް އޮފް ޑޮލާސް" ކަމުގައި ލިޔެފައިވީނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށާއި މާލީ މުޢާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކައް ކަމަށް ވިދާޅުވިއެވެ.
"އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޢަދީލް ޖަލީލް ޕްރޮޕަރޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަޙްޤީޤަށް ހޯދިފައިވެއެވެ" ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މިފަދަ އެއް މުޢާމަލާތާ ގުޅިގެން ބައްސާމްގެ މައްޗަށް 31 ޖަނަވަރީ 2024 ދުވަހު ޚިޔާނާތުގެ ދަޢުވާއާއި މަނީ ލޯންޑްރިންގގެ ދަޢުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
ބައްސާމް ޢަދީލް ޖަލީލަކީ އެމްއެމްޕީއާރސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް އޮތް މީހެެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަޙުޤީޤު މަރުޙަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ