މާމިގިލީ ދާއިރާއާއި ހުޅުމާލެ ދެކުނު ދާއިރާ ޖޭޕީއަށް ޕީއެންސީން ދޫކޮށްލަނީ ގާސިމް ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް 50 މިލިއަން ރުފިޔާ ޚަރަދުކުރާ ގޮތަށް!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން މާމިގިލީ ދާއިރާއާއި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަނުކޮށް, އެ ދެގޮނޑި ޖޭޕީއަށް ދޫކޮށްލުމަށް ނިންމާފައިވާކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިއްޖެއެވެ.
މާމިގިލީ ދާއިރާއަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ވާދަކުރައްވަން ނިންމަވާފައިވާ ދާއިރާއެވެ. އަދި ގާސިމްގެ އަނބިކަބަލުން އައިޝަތު ނަހުލާވަނީ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ދާދިފަހުން ނަހުލާގެ ފިރިކަލުން, އަދި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ރައީސް މުއިއްޒުއާއި ބައްދަލުކުރި ދުވަހު ގާސިމް ރައީސް މުއިއްޒުގެ ކިބައިން އެދިލެއްވީ މާމިގިލީ ދާއިރާގެ މަޖިލިސް ޓިކެޓްގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާ ޖުމުހޫރީން ވާދަކުރާގޮތަށް ދޫކޮށް ދިނުމަށެވެ.
އެގޮތުން ކުރީ ސަރުކާރުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް ހުންނެވި އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމެވީ އެދާއިރާއަށް ޕީއެންސީން ވާދަނުކޮށް, ނަހުލާއަށް އެދާއިރާ ދޭން ރައީސް މުއިއްޒު ނިންމެވުމުންން ކަމަށްވެސް ”ދިޔަވަރު އޮންލައިން“ މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ, އޭގެ ބަދަލެއްގެ ގޮތުން, ޕީއެންސީގެ މަޖިލިސް ކެމްޕޭންއަށް 30 މިލިއަން ރުފިޔާ ޚަރަދު ކޮށްދިނުމަށް މުއިއްޒު އެދިލެއްވިކަމަށެވެ. އެހެންނަމަވެސް ގާސިމްގެ ގޮޑިއާއި ނަހުލާގެ ގޮނޑި ދޫކޮށް ދީފިނަމަ 50 މިލިއަން ރުފިޔާ ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ޚަރަދު ކޮށްދެއްވުމަށް ގާސިމް އެއްބަސްވެވަޑައިގަތުމުން, ދެ ދެދާއިރާ ޖޭޕީއަށް ދޫކޮށްދެއްވުމަށް މުއިއްޒު އެއްބަސްވެވަޑައިގެންނެވިކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ޕީއެންސިގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނުވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ރުހުން ދުންޔާއަށް ނެތްކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ހުޅުމާލެ ދެކުނު ދާއިރާއަށް ނަހުލާ ވާދަކުރައްވާއިރު, ކުރީ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި އޭނާ ހުންނެވިއިރު ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަށް އަދިވެސް ވީ އޭސީސީގައެވެ.
ނަހުލާ އިއްޔެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް އޭނާ ނިންމާފައި ވާކަމުގައެވެ.
މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު އައިޝަތު ނަހުލާ (އައިޝާ) ކުރިމަތިލުމަށް ނިންމައިފީ މެވެ. އަޅުގަނޑު އުންމީދުކުރަނީ ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން, އަޅުގަނޑަށް ތާއީދުކޮށް ތިޔަ ބޭފުޅުންގެ ވޯޓް އަޅުގަނޑަށް ދެއްވުން.
ނަހުލާ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ