މުޅި ރާއްޖެއަށް މޫސުން ގޯސް؛ ސަމާލުވާން އަންގައިފި

މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އެއިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ ހުރުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
އެންމެ ބޯކޮށް ވިލާ ދައްކަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ބޯކޮށް ވިއްސާރަ ކުރާނީ މި ސަރަހައްދުތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށްވެސް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރު ވަނީ މިއަދު މެންދރު 13:30 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިވިއްސާރައިގައި މިއަދު ގުގުރުމާއެކު ބޯކޮށްވާރޭވެހި ވައިގަދަވާނެތީ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ވިއްސާރަ ދެން ދާނީ އަލިވާން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ވިއްސާރަ އަލިވާނެ ކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ