އަލް އިއްތިހާދު ކަޓުވާލައި އަލް ނަސްރު ސައުދީ ސުޕަ ކަޕް ފައިނަލަށް އަލް އިއްތިހާދު ކަޓުވާލައި އަލް ނަސްރު ސައުދީ ސުޕަ ކަޕް ފައިނަލަށް

ހޮންގް ކޮންގް (އޮގަސްޓް 20) - ސައުދީ ސުޕަ ކަޕް ސެމީ ފައިނަލުގައި، އަލް އިއްތިހާދު އަތުން 2-1 އިން މޮޅުވެ، އަލް ނަސްރުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
މިިދިޔަ އަހަރުގެ ފައިނަލުގައި އަލް ހިލާލް އަތުން 4-1 އިން ބަލިވި އަލް ނަސްރުން ރޭ ކުޅުނު ސެމީ ފައިނަލުގެ ބޮޑުބައިގައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 25 ވަނަ މިނިޓްގައި، އަލް ނަސްރުގެ ސަޑިއޯ މާނޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ހޮންގް ކޮންގްގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި އަލް ނަސްރަށް ލީޑުނަގައިދިނީ ވެސް މާނޭ އެވެ. މިއީ، އަލް ނަސްރަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު، މާސެލޯ ބްރޮޒޯވިޗް ދިން ބޯޅައަކުން މާނޭ ޖެހި ގޯލެކެވެ. އަލް ނަސްރުން ލީޑުނެގިތާ ހަ މިނިޓް ފަހުން އަލް އިއްތިހާދުން ގޯލު ޖަހައި އެއްވަރުކުރި އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އަލް އިއްތިހާދަށް މި ލަނޑު ޖަހައިދިނީ ފްރާންސްގެ ވިންގް، މޫސާ ޑިއާބީ ނަގައިދިން ބޯޅަ އަކުން ނެދަލެންޑްސްގެ ފޯވާޑް، ސްޓީވެން ބާގްވެއިން އެވެ.
ދިހަ ކުޅުންތެރިންނާ އެކު މެޗުގެ ބޮޑުބައި ފުރިހަމަ ކުރި އަލް ނަސްރުން މޮޅުވި ލަނޑު ޖެހީ ދެ ވަަނަ ހާފުގަ އެވެ. މި ލަނޑު ޖެހީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އަލް ނަސްރުން ސޮއިކުރި ޖާއޯ ފެލިކްސް އެވެ. މެޗުގެ 61 ވަނަ މިނިޓްގައި، ފެލިކްސް މި ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި، އޭނާ ހަމަ ޖެހިލައިފައި ދިން ބޯޅައަކުންނެވެ.
އޭގެ ފަހުން، ވެސް ފެލިކްސް ގޯލެއް ޖެހި އެވެ. އެކަމަކު، އެ ލަނޑު ޖެހުމުގެ ކުރިން ފައުލެއް ކޮށްފައި އޮތުމުން، ނިންމީ ގޯލު ބަލައިނުގަންނާށެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި އަލް ނަސްރުން ކުޅޭ ބައެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލަށް ފަހު އެވެ. އެ ގޮތުން، ދެ ވަނަ ސެމީ ފައިނަލުގައި ކުޅެނީ އަލް ގަދްސިއާ އާއި އަލް އަހްލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ