އެކްސިޑެންޓުތަކުގައި އިހުމާލުވުމުން ފިޔަވަޅު އެޅޭނެ ގޮތެއް ހޯދަން ޕީޖީ އާއި ފުލުހުން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ގޮތަކާމެދު މަޝްވަރާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
ތަފްސީލް - ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިދިޔަ ހޮނިހިރު ދުވަހު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރެއްވިގޮތުގައި މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވާ މީހުންނާއި ގުނަވަން ނެތިގޮސް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަން ޖެހިފައިވާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ.
އޭނާ މަޖިލީހުގައި އެދިވަޑައިގެންނެވީ:
އެކްސިޑެންޓުގައި އިހުމާލުވާ މީހުންގެ މައްޗަށް ގާނޫނީ ގޮތުން ދައުވާ ކުރުމުގައި ޕީޖީއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ސާފުކޮށް، މިކަމުގައި ހޯދެން އޮތީ ކޮން ހައްލެއްތޯ ބަލައިދިނުމަށް
އެކަމާ މެދު ރައްޔިތުންގެ މަޖިލީހަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލަން ޕީޖީ އާއި ފުލުހުންގެ ކަމާ ބެހޭ އޮފިސަރުން މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް 
އެ ސިޓީގައި މުހައްމަދު އިބްރާހިމް ފާޅުކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގައި ދުވަހުން ދުވަހަށް ގިނަވަމުންދާ އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާނުކުރެވި، އެފަދަ މީހުން މުޖުތަމައު ތެރެއަށް ދޫވެ، އަނެއްކާވެސް ހަމަ އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރަން ޖެހުމެވެ. 
މާލެ ސަރަހައްދުގައި މިފަހުން ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބު ވެސް އެ ސިޓީގައި ހިމަނާފައިވެ އެވެ. އެއީ:
ވޭތުވެދިޔަ ހަ މަސްދުވަހު ސިނަމާލެ ބްރިޖް ހައިވޭގައި 1،101 އެކްސިޑެންޓް ހިނގާފައިވާކަން 
އެއީ އެވްރެޖްކޮށް ދުވާލަކު ހަ އެކްސިޑެންޓްކަން
އޭގެ ތެރެއިން %10 އެކްސިޑެންޓްތަކުގައި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު %90 އެކްސިޑެންޓުގައި ވެހިކަލްތަކަށް ގެއްލުންވެފައިވާކަން  
6% އެކްސިޑެންޓުގައި ސީރިއަސް ޖިސްމާނީ އަނިޔާ ލިބިފައިވާކަން 
68% އެކްސިޑެންޓް ހިނގަނީ ދުވާލުގެ ވަގުތުތަކުގައިކަން
ފާހަގަކޮށްލެވޭ - އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަން މަޖިލީހުގައި އެދިފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.
އަދި މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށާއި މަގުމައްޗަށް ދުވަން ނުކުމެ އުޅުނު 40 އަހަރުގެ ފިރިހެނަކަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިގެން ދަނީ ފަރުވާދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ