ޒިންމާދާރުކަން ކުޑަ ލިޔުންތަކުގެ ސަބަބުން ގައުމަށް ގެއްލުންވޭ: ރައީސް

ލިޔުންތެރިންގެ ދައުރު ހުރިހާ ދާއިރާއެއްގައި ވެސް ބޮޑު ކަމަށް ވިދާޅުވެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް މިއަދު ވިދާޅުވީ، ރާއްޖެއަށް އަލިއަޅުވާލައިރު ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ، ލިޔުންތެރިންގެ ޒިންމާ ކުރިއަށް ވުރެ މުހިންމުވެއްޖެ ކަމަށެވެ. ވަކިވަކި ދާއިރާތަކަށް އަލިއަޅުވާލައްވައި އެ މަނިކުފާނު ވިދާޅުވީ، ދީނީގޮތުން ބަލާއިރު، ދިވެހިންގެ އަގީދާއާއި އަހުލާގު ހަރުދަނާކުރުމުގައި ލިޔުންތެރިންގެ އެހީތެރިކަން މިއަދު ބޭނުންވެފައިވާ ކަމަށާއި، އިޖުތިމާއީގޮތުން ބަލާއިރު ދޭދޭ ގުޅުންތަކާއި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމުގެ އިތުރުން، ޒުވާނުން މަސައްކަތްތެރި ދުނިޔެއަކަށް ލޯ ހުޅުވާލަދިނުމާއި، އެކިއެކި މައްސަލަތަކުގައި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމުގައި ލިޔުންތެރިންގެ ދައުރު ބޮޑުކަމަށެވެ. ހަމަ އެއާއެކު، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމާއި ގައުމުގެ މަސްލަހަތު ހިފެހެއްޓުމުގައި ވެސް ލިޔުންތެރިންގެ ދައުރު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެހެންކަމުން ދިވެހި ލިޔުންތެރިންނަކީ އިސްލާމްދީނާއި އަމިއްލަ ގައުމުގެ ދިފާއުގައި، އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތްކުރާ، ނުވަތަ މަތިވެރި ޖިހާދެއްކުރާ ބަޔަކަށް ވާން ޖެހޭނެއެވެ. "ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ،" ރައީސް ވިދާޅުވިއެވެ. ދިވެހި ތާރީހަށް ބަލާލާއިރު، ގައުމު ބިނާކުރުމުގައި ދިވެހި ލިޔުންތެރިންގެ ދައުރު ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދީނީ އިލްމުވެރިންނާއި އަދަބީ އިލްމުވެރިންނާއި ތާރީހުގެ އިލްމުވެރިންނާއި ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ގައުމު ބިނާކުރުމުގައި ކުރާ މަސައްކަތް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ އަށްވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ ގޮތުގައެވެ. ލިޔުންތެރީންގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ލިޔާށެވެ. މަގުދައްކާށެވެ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ