ސަލްމާންގެ ވަރުގަދަ މެސެޖަކާ އެކު ފިލްމު 'ޓައިގާ3'ގެ ޓީޒާ އާއްމުކޮށްފި

މި އަހަރު ރިލީޒް ކުރަން ނިންމާފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރު ކުރާ ފިލްމު "ޓައިގާ3"ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ. ޖާސޫސް ކުރާ އެޖެންޓެއްގެ ރޯލްއިން ސަލްމާން ޚާން ފެންނަ "ޓައިގާ3"ގެ ޓީޒާ އާއްމުންނަށް ދޫކޮށްލިއިރު ސަލްމާން ވަނީ އާއްމުންނަށް ވަރަށް ވަރުގަދަ މެސެޖެއް ވެސް ދީފައެވެ. ސަލްމާން ޚާން ބެލުންތެރިންނަށް ދޫކޮށްލި މެސެޖުގައި ބުނެފައި ވަނީ 20 އަހަރު ވަންދެން އިންޑިއާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް ބޮލުގައި ޣައްދާރެއްގެ ނަން އެޅިފައިވާ ކަމަށެވެ. އަމިއްލަ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތް ކުރަން ވޭތުވެދިޔަ ފަސް އަހަރު މަސައްކަތްކުރި އިރު މިހާރު ބޭނުންވަނީ ބޮލުގައި އެޅިފައިވާ އެފަދަ އިލްޒާމުތަކުން ދުރުވުމަށް ކަމަށާއި ޓައިގާގެ ޙަޤީޤަތް ދަރިފުޅަށް ކިޔައިދޭން ބޭނުންވަނީ އިންޑިއާއިން ކަމަށެވެ. މި ފިލްމަކީ، ބަތަލާ ކެޓްރީނާ ކައިފްއާއެކު ސަލްމާން ޚާން ކުޅޭ މި ފްރެންޗައިސްގެ ތިން ވަނަ ބައެވެ. "ޓައިގާ3" އިން މިފަހަރު އިމްރާން ޚާން ވެސް ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ. މި ސްޕައި އެކްޝަން ތުރިލާ އަކީ ޔަޝް ރާޖް ފިލްމްސްގެ ވައި އާރް އެފް ސްޕައި ޔުނިވާސްގެ އުފެއްދުމެކެވެ. މި އަހަރުގެ ނޮވެމްބަރު މަހު 10ގައި ސިނަމާތަކަށް ފިލްމު ގެންނަން ތާވަލު ކުރެވިފަ ވާއިރު "ޓައިގާ3"ގެ ހާއްސަ ފެނިލުމަކުން އެކްޓަރު ޝާހްރުކް ޚާން ވެސް ފެންނާނެއެވެ. ޝާހު ފެންނާނީ ސްޕައި ޔުނިވާސްގެ "ޕަތާން"އިން އެކްޓަރު ފެނުނު ކެރެކްޓާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ