ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ކުރިމަތިލުންތަކާއި އީރާނަށް ދެމުންދާ ޕްރެޝަރުގެ ނަތީޖާއާ މެދު އުފެދިފައިވާ ސުވާލުތަކާ އެކު، އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތްތައް އިއްޔެ މަޑުޖެހިއްޖެ އެވެ.
ސީއައިއޭ އިން އެކުލަވާލާފައިވާ ރިޕޯޓެއް ބުނާ ގޮތުން، އެމެރިކާއިން އީރާނުގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްގެން އުޅުނު ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އެ ގައުމަށް އެކަމަށް ކެތްކޮށްލުމުގެ ގާބިލުކަން އެބަހުއްޓެވެ. މީގެން ދޭހަވަނީ، ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ކުރިމަތިލުންތައް ކުރިއަށްދިޔަ ނަމަވެސް، އީރާނަށް މަޖުބޫރުކުރުވުމަށް އެމެރިކާއަށް އޮތް ފުރުސަތު ހަނިވަމުންދާ ކަމެވެ.
ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް އިދާރާގެ އިސް އޮފިޝަލަކު މި ރިޕޯޓާ ދެކޮޅު ހައްދަވައި ވިދާޅުވީ، ކަނޑުގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ހަނގުރާމަ ރަސްމީކޮށް ނިންމުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ދޭނެ ޖަވާބަކަށް އެމެރިކާ އިން އިންތިޒާރު ކުރަމުންދާ ކަމަށެވެ.
"މިއަދުގެ ވަގުތެއްގައި މިކަމުގެ މައުލޫމާތެއް ލިބޭނެ ކަމަށް ބެލެވޭ،" އިޓަލީގެ ރޯމްގައި ތިއްބެވި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ އިއްޔެ ވިދާޅުވި އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ސުލްހައިގެ މަސައްކަތްތަކަށް އެމެރިކާއިން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމުގެ ފުރުސަތެއް ލިބޭ ކޮންމެ ފަހަރަކު، އެމެރިކާއިން އިހްތިޔާރު ކުރަނީ ނުރައްކާތެރި އަސްކަރީ ކުރިމަތިލުންތަކެއް ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އީރާނުގެ ބަނދަރަކަށް ވަންނަން އުޅުނު އީރާނާ ގުޅުން އޮތް ދެ އުޅަނދަކަށް ވަނީ ހަމަލާދީފަ އެވެ. ހަމަ އެއާ އެކު، ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާގެ މަނަވަރުތަކާ ދެމެދު އިތުރު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް އީރާނުން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ހަމަނުޖެހުންތައް މިހާރު ވަނީ ކަނޑުގެ ސަރަހައްދުން ބޭރަށް ވެސް ފެތުރިފަ އެވެ. އެގޮތުން، އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކެއް ޔޫއޭއީން ހުއްޓުވާފައިވާއިރު، މި ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މި ސަރަހައްދުގައި އުފެދިފައިވާ ސަލާމަތީ ހާލަތުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 101 ޑޮލަރަށް ވުރެ މައްޗަށް އަރާފައިވީ ނަމަވެސް، މިދިޔަ މަހު އިއުލާނުކުރި ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ދެމިއޮންނާނެ ކަމުގެ އުންމީދު ބާޒާރުތަކުގައި އެބައޮތެވެ.
މީގެ އިތުރުން، އީރާނުގެ ޑްރޯން ޕްރޮގްރާމަށް އެހީތެރިވާ ކަމަށް ބުނެ، ޗައިނާ އާއި ހޮންކޮންގުގެ ކުންފުނިތަކާއި ފަރުދުން ހިމެނޭހެން އެމެރިކާއިން ވަނީ އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ޗައިނާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކުރިން އެޅި ފިޔަވަޅުތަކެކެވެ.
ހަމަލާ ބަދަލުކުރުންތަކާ އެކު އެމެރިކާ-އީރާން ސުލްހައިގެ މަޝްވަރާތައް މަޑުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ