ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދެވިއްޖެ: ސްޓެލްކޯ

ގްރޭޓާ މާލެ އިންޓަކަނެކްޝަންގެ މެއިންޓަނެންސް މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދު ހެނދުނު 7 ހާއިރު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނެވެ. ހެނދުނު ކަރަންޓު ކެނޑިދާނެކަން ސްޓެލްކޯ އިން ރޭ އޮތީ އަންގައިފަ އެވެ.
ތަފްސީލް - ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނުތާ މާ ގިނައިރުތަކެއް ނުވެ، ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށެވެ. ކުރިން ލަފާކޮށްފައި އޮތީ 30 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށެވެ. ނަމަވެސް ބައެއް ހިސާބުތަކަށް ކަރަންޓު ނުލިބި 2 ގަޑިއިރު ދިޔަކަމަށް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ބުންޏެވެ.
ހެނދުނު 8 ޖެހިއިރު ވެސް ހެންވޭރުގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ނުލިބެ އެވެ. ނަމަވެސް 9 ޖެހިއިރު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެން މިފަދަ މަސައްކަތްތައް ކުރިޔަށް މިގެންދަނީ ކުރިޔަށްއޮތް ތަނުގައި ދިމާވެދާނެ ކުއްލި ޓެކްނިކަލް މައްސަލަތައް ވީހާވެސް ކުޑަކޮށް، ފުރިހަމަ ހިދުމަތެއް ރައްޔިތުންނަށް ފޯރުވައިދިނުމަށް،" ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ