ރައްޔިތުން ވޯޓު ދިނީ ރައީީސް ޞާލިޙަށް އެކަންޏެއް ނޫން، ޖޭޕީގެ މެމްބަރުން ވަކި ނުކުރެވޭނެ: ޤާސިމް

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ވޯޓުލީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެކަނި ނޫން ކަމަށާއި، އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީ، ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ވެސް ތާއީދާ އެއްކޮށް ކަމަށްވާތީ، އެ ޕާޓީގެ އެއްވެސް މެމްބަރަކު ސަރުކާރުން ވަކި ކުރުމުގެ ހައްޤެއް ނޯންނާނެ ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޤާސިމް މިއަދު ވަނީ އެމްއާރްއެމްގެ ޒަޢީމް، މައުމޫން އަބްދުލްޤައްޔޫމާއި، އެ ޕާޓީގެ ރައީީސް ފާރިސް މައުމޫނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް ވިދާޅުވީ، ޖޭޕީން ވަކިން ރިޔާސީ އިންތިޚާބަށް ނުކުންނަން ނިންމުމުން، ކޯލިޝަން ރޫޅާލައިފިނަމަ، މި ސަރުކާރުވެސް ނޯންނާނެ ކަމަށެވެ.
ސިޔާސީ މަސްރަހު އޮތްގޮތުން، 2018 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބަށް ވަކިން ނުކުތުމުގެ ފުރުސަތު ޖޭޕީއަށާއި، އެމްއާރްއެމަށް ވެސް ނެތްކަން ފާހަަގަކުރައްވައި، ޤާސިމް ވިދާޅުވީ، މިއަދު ސިޔާސީ މަސްރަހު ބަދަލުވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވަކިން ވާދަ ކުރުމުގެ ޙައްޤު، ކޯލިޝަންގައި ހިމެނޭ ކޮންމެ ސިޔާސީ ޕާޓީ އަކަށްވެސް އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ