ކަނޑުގެ ޒަރީޢާއިން އުފަންވާ ކާރިސާތަކުން ރައްޔިތުން ސަލާމަތްކުރުން މުހިއްމު: މާރިޔާ

މިނިވަންކަން ރައްކާތެރިކަން ކުރެވެން އޮތީ ކަނޑުގެ ޒަރީޢާއިން އުފަންވާ ކާރިސާތަކުން ރައްޔިތުން ސަލާމަތްކޮށްގެންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ ސެއިލަރުން ތަމްރީނުކުރުމަށް ހިންގި ވިހި ވަނަ ކޯސްޓްގާޑް ބޭސިކް ކޯހުގެ ދަސްވެނިވުމުގައި ވާހަކަދައްކަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ 20 ވަނަ ކޯސްޓްގާޑް ބޭސިކް ކޯހުގައި 7 އަންހެން ދަރިވަރުން ބައިވެރިވެ، ހުރިހާ ކަނބަލުންވެސް ކޯހުގެ މިންގަނޑަށް ފާސްވެފައިވާކަމީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިކޯހުގައި 3 އަންހެން ދަރިވަރުން ނިޔަމިކަމުގެ ސަނަދުވެސް ވަނީ ޙާސިލުކޮށްފައެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވީ މިއީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިންތީގެ ހަމަހަމަކަމުގައި ގެންގުޅުއްވާ ސިޔާސަތުތައް ސަލާމަތީ ޚިދުމަތްތަކުގެ ތެރޭގައިވެސް ކާމިޔާބުކަމާއެކު ތަންފީޒު ކުރެވެމުންދާކަމުގެ ހެއްކެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި، އިސްތިޤްލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކޮށް ބެލެހެއްޓުމަކީ، ޖުމްލަކޮށް މުޅި އަސްކަރިއްޔާގެ އެންމެ މުހިންމު ޒިންމާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއަކީ %99.7 ކަނޑު އެކުލެވޭ ޤައުމަކަށްވާއިރު، އެޒިންމާ އަދާކުރުމުގައިވެސް، އެމް.އެން.ޑީ.އެފްގެ ބާރުތައް ތަރުތީބު ކުރެވިފައިވާގޮތުން، ދިވެހި އަސްކަރިއްޔާގެ ފުރަތަމަ ޑިފެންސް ލައިންގައި އޮތީ ކޯސްޓްގާޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ހުރި ބޮޑެތި ނުރައްކާތަކަށް ބަލާއިރު، ޓެރަރިޒަމް އާއި ހަރުކަށި ފިކުރުގެ ނުރައްކަލާއި، ޑްރަގްގެ ވިޔަފާރި، މޫސުމީ ބަދަލުގެ ސަބަބުން ޤައުމުގެ ދިފާޢާއި ސަލާމަތަށް އޮތް ނުރައްކާ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއިއެކު ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު އަދި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރެވެން އޮތީ ދިވެހި ކަނޑުތަކާއި ދިވެހިރާއްޖޭގެ މެރިޓައިމް ބޯޑަރު ބަލަހައްޓާ، ކަނޑުމަތީގެ ޙާދިސާތަކުންނާއި، ކަނޑުގެ ޒަރީޢާއިން އުފަންވާ ކާރިސާތަކުން ރައްޔިތުން ސަލާމަތްކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ވަރަށް ގިނަ ޒިންމާތަކެއް ޙަވާލުކޮށްފައިވާ ބައެއް ކަމަށެވެ. އެއިން ކޮންމެ ޒިންމާއެއް އަދާކުރުމުގައިވެސް، އެކަމުގައި އެކުލެވޭ ގޮންޖެހުންތައް ދެނެގަނެ، މަސައްކަތަށް ހުނަރުވެރިވެ، ރޭވުންތެރިކަމާ، ފަރުވާތެރިކަމާއެކު އެ ޒިންމާއެއް އަދާކުރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ސެކިއުރިޓީ އޮޕަރޭޝަންތައް ހިންގާއިރު، ކޮންވެންޝަނަލް ގޮތްތަކުގެ އިތުރުން، އަވަސް އަވަހަށް ބަދަލުވާ ޙާލަތަށް ސިފައިންގެ ޙަރަކާތްތައްވެސް ބަދަލުކުރެވޭގޮތަށް ތައްޔާރުވެ ތިބުމަކީ ކޮމާންޑަރުންގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިފައިންގެ މަރުކަޒުތަކުގެ ގޭޓުން ނިކުތުމާއެކު، އެވަދެވުނީ ވަރަށް ވަރަށް ސިޔާސީ މާޙައުލަކަށްކަން ފާހަކޮށް މިނިސްޓަރ ވަނީ ސިފައިންގެ އެއްވެސް މީހަކު އެފަދަ އެއްވެސް ވާހަކައެއްގައި ނުވަތަ ޢަމަލެއްގައި ޝާމިލްނުވެ، ޙަވާލުވެފައިވާ ޤައުމީ މަސްއޫލިއްޔަތު އަދާކުމުގައި ސާބިތުވެ ހުރުމަށް ނަޞޭޙަތްތެރިވަފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ