ރެއާލް މެޑްރިޑާއި އޭސީ މިލާން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް

ރެއާލް ސެމީ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގްގައި ޗެލްސީގެ ދަނޑުގައި އެޓީމު 2-0 އިން ބަލިކޮށްގެންނެވެ. ރެއާލްގެ ދަނޑުގައި އެޓީމު މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ. އެހެންވެ ދެ މެޗުގެ އެގްރިގޭޓުން ރެއާލަށް ކުރި ލިބުނީ 0-4 އިންނެވެ.
ރެއާލްގެ ދެ ގޯލު ވެސް ރޭ ޖަހައިދިނީ ބްރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ އެވެ. ފުރަތަމަ ލަނޑު 58 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ 80 ވަނަ މިނެޓުގަ އެވެ.
މެޗުގައި ރެއާލް ލީޑު ނެގުމުގެ ކުރިން ޗެލްސީން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުމެއް އެޓީމަށް ނުހިފުނެވެ. މެޗުގެ ފަހުކޮޅު ގިނަ ބަދަލުތަކެއް ގެނެސްގެން ވެސް ރެއާލްގެ ގޯލު ޗެލްސީ އަށް ފޫއަޅުވައެއްނުލެވުނެވެ.
އޭސީ މިލާން ސެމީ ފައިނަލަށް ދަތުރުކުރީ ދެ މެޗުގެ އެގްރިގޭޓުން 1-2 އިން ނަޕޯލީ ބަލިކޮށްގެންނެވެ. ފުރަތަމަ ލެގްގެ މެޗު މިލާންގެ ދަނޑުގައި އެޓީމު މޮޅުވީ 0-1 އިންނެވެ. ރޭގެ މެޗު ނަޕޯލީގެ ދަނޑުގައި 1-1 އިން ވީ އެއްވަރެވެ.
މިލާނުން ރޭ ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހުކޮޅު އޮލިވިއޭ ޖިރޫޑް ޖަހައިދިން ގޯލުންނެވ. އޭގެކުރިން މެޗުގެ 22 ވަނަ މިނެޓުގައި ޖިރޫޑް އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ. ނަޕޯލީ އިން ގޯލު ޖަހަން މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅުނެވެ. އަދި، މެޗުގެ 82 ވަނަ މިނެޓުގައި ލީޑު ނަގަން ޕެނަލްޓީއެއް ލިބި ބޭކާރުވި އެވެ. އެކަމަކު ނަޕޯލީގެ ހުނަރުވެރި ކުޅުންތެރިޔާ ވިޗާ ކްވަރަޝްކޭލިއޭ ޖެހި ޕެނަލްޓީ މިލާންގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ނަޕޯލީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ވިކްޓަ އޮސިމެން އެވެ.
ކުރިން ޔޫރަޕްގެ ގަދަ ބާރެއްގައި އޮތް މިލާނަށް 2007 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގެއް ނުލިބެ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން އެޓީމު ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިލާން ސެމީގައި ނުކުންނާނީ އިންޓަ މިލާން އާއި ބެންފީކާ ވާދަކުރާ ކުއާޓާ ފައިނަލުން ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. އެ ދެޓީމުގެ ދެވަނަ ލެގްގެ މެޗު މިރޭ ކުޅޭނެ އެވެ.
ރެއާލް ސެމީގައި ވާދަކުރާނީ މެންޗެސްޓާ ސިޓީ ނުވަތަ ބަޔާން މިއުނިކާ އެވެ. ސިޓީ އިން ވަނީ އަމިއްލަ ދަނޑުގައި ބަޔާން 0-3 އިން ބަލިކޮށްފަ އެވެ. މިރޭ ދެވަނަ ލެގްގެ މެޗު ކުޅޭނީ ބަޔާންގެ ދަނޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ