ޖެނުއަރީގައި ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުވާނެ: ރައީސް

އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުމުގެ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ މައްސަލައެއް ކަމަށާއި މިހާތަނަށް އައި އިރުގައި، މި ސަރުކާރުން ވާނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލެއް ގެނެސްފައި ކަމަށެވެ.
"އަޅުގަނޑު ނުދަންނަވަން އެއީ ބޮޑު ބަދަލެކޭ، ބޮޑުވީއެކޭ. އެއީ ހެޔޮ ބަދަލެއް އެ ގެނެވުނީ އަދި ކިރިޔާ. އަދި ކިރިޔާ ކުރާ މަސައްކަތަށް އެކަށީގެންވާ ވަރުގެ މުސާރައެއް އެ ދެވުނީ. ކުރިއަށްއޮތް އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިރާދަކުރެއްވިއްޔާ ޕޮލިހާއި އެމްއެންޑީއެފާއި ސިވިލް ސާވިސް އާއި ޖުޑީޝަރީ އާއި އިމިގްރޭޝަނާއި ކަސްޓަމްސް އާއި އެކި ރަށުގެ ކައުންސިލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންގެ މުސާރައަށް ހެޔޮ ރަނގަޅު ބަދަލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ގެނެސްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ 2024 ވަނަ އަހަރުގެ ބަޖެޓުގައި މުސާރަތައް ބޮޑުކުރުމަށް ގެންނަ ބަދަލުތައް ހިމަނައި، އެ ބަޖެޓު ފާސްކުރައްވާނެ ކަމަށެވެ. އަދި ރައީސް ވަނީ ސްޓޫޑަންޓް ލޯނުގެ މައްސަލައިގައި ދަރިވަރުން ކަންބޮޑުނުވުމަށް ވެސް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ގޭގެއަށް ދާ އިރުގައި ދެން އަންނަ އަނެއް ކަންބޮޑުވުމަކީ ސްޓޫޑަންޓް ލޯނުގެ ވާހަކަ. މާ ކުރިން ނަގާފައި ހުރި ސްޓޫޑަންޓް ލޯނުތަކެއް ދެއްކުމުގައި ހުރި ދަތިކަމުގެ ވާހަކަ. ބައެއް ކުދިން ދެތިން ހަތަރު ފަހަރަކު އެ ނުދެއްކުމުގެ ސަބަބުން ކޯޓާ ހިސާބަށް ގޮސްދާނެ ކަމުގެ ކަންބޮޑުވުން ބައެއް ކުދިން އަޅުގަނޑާ ހިއްސާކުރި. އެކަމާ ކަންބޮޑުވެވަޑައިނުގެންނެވުމަށް އަޅުގަނޑު ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސްޓޫޑަންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފުކުރެވޭނެ ގޮތްތަކެއް ހަދަމުން ގެންދަވާ ކަމަށާއި އެހެން ތިބި ހުރިހާ ދަރިވަރުންނަށް ވެސް އެ ލުއި ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ