އެކުލަވާލާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ކެބިނެޓެއް: މުއިއްޒު

ކެބިނެޓުގެ މިނިސްޓަރުންގެ މަގާމުތަކަށް ލައްވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ކެބިނެޓެއް ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ސަންގު ޓީވީ އަދި ޗެނަލް 13 އާ ގުޅިގެން މިހާރު ކުރިއަށްގެންދާ "އާސްކް މުއިއްޒު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގުރާމުގައި އާންމު މީހަކު ވަނީ، މުއިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާނީ ޖަމްއިއްޔަތުއް ސަލަފުން ނަން ފޮނުވާ ބޭފުޅެއްތޯ ސުވާލު ކޮށްފައިވެއެވެ.
ސުވާލުގެ ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެ ވެރިކަމެއް ކުރެއްވާނެ ކަން ރައްޔިތުންނަށް ވައުދު ވެޑައިގަންނަވާ ކަމަށާއި މިގޮތުން އޭނާގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނީ އެ ބޭފުޅެއްގެ މަސައްކަތުގެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހާސިލު ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާއިން ބޭނުން ވަނީ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެންނަވަން ކަމަށާއި އެހެންކަމުން އެ ދާއިރާގެ މަސައްކަތް ހަވާލު ކުރައްވާނީ އެ ދާއިރާގެ ތަޖުރިބާއާއި ތައުލީމު ހުރި ބޭފުޅެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު ވަނީ ވަކި ޖަމްއިއްޔާ އަކުން ނަން ފޮނުވާ ބޭފުޅެއްގެ މަގާމަކަށް އައްޔަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. އަދި އޭނާ ވަޑައިގަންނަވަނީ މާނަހުރި ބަދަލެއް ގެންނެވުމަށް ކަމަށާއި، އެކަމަކީ މީހަކު ބުނާ ބަޔަކު މަގާމުތަކަށް ލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ