“ހަސަން ކުރުސީ” ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި

ޓްވިޓާގައި “ހަސަން ކުރުސީ”ގެ ނަމުގައި ހިންގަމުންދާ އެކައުންޓުގެ ވެރިފަރާތް ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބައެއް މީހުންނަށް އެކި ކަހަލަ ތުހުމަތު ކުރަމުންދާ “ހަސަން ކުރުސީ” އެކައުންޓުގެ ވެރިފަރާތް ހޯދަން ކްރިމިނަލް ކޯޓުން އެ އަމުރު ނެރުނީ ދިވެހި ފުލުހުން އެދިގެންނެވެ. އަދި އެ އަމުރުގެ ދަށުން އެ އެކައުންޓުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކޯޓު އަމުރާ ގުޅިގެން، ބާރަ ހާހަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ކުރުސީ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އޭނާއަކީ ކާކުކަން ހޯދަން ދިވެހި ސަރުކާރުން މަސައްކަތް ކުރަމަކީ ޑިމޮކްރެސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ޓްވިޓާއިން އެ މައުލޫމާތު ހާމަކޮށްފި ނަމަ ވަރަށް ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށްވެސް ބުންޏެވެ.
ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި އެކައުންޓް ހިންގާ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. ނަމަވެސް އެ ވާހަކަތައް ނަޝީދު ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެކައުންޓާ އެ މަނިކުފާނާ ގުޅުވާތީ ހަސަން ކުރުސީ އެކައުންޓުގެ ވެރިފަރާތް ހޯދަން އެދި ނަޝީދުވެސް މިދިޔަ އޭޕްރިލް މަހު ފުލުހަށް މައްސަލައެއް ހުށަހެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ