ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީއެފްޓީން ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ، ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ޓީއެފްޓީ ފުޓްބޯލް ކްލަބުން ހޯދައިފި އެވެ. 
ޓީއެފްޓީން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުން، އަލީ ވަހީދު (ބަލަކް)ގެ ކޯޗުކަމުގައި ކުޅޭ އެޓޯލް ފުޓްބޯލް ކްލަބްގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. 
އިއްޔެގެ ފައިނަލް މެޗުގެ ދެ ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ޓީއެފްޓީން ލީޑުނެގީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ ވަނަ މިނިޓްގަ އެވެ. މިއީ، މެޗުގެ 54 ވަނަ މިނިޓްގައި، ޓީއެފްޓީގެ އަބްދުﷲ މުއާޒް (އޮޓޯ) ޖެހި ޝޮޓެއް، އެޓޯލްގެ ކީޕަރު، އިބްރާހިމް ނާޖިހު އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ގޯލަށް ވައްދާލައިގެން، ނައިޖީރިއާގެ ފޯވާޑް، އިސްމާއިލާ އޮގޫޑުގޫ ޖެހި ގޯލެކެވެ. 
ޓީއެފްޓީ އަށް ދެ ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 74 ވަނަ މިނިޓްގައި އަހުމަދު ސުހެއިލް (ބަމްޕުޗު) އެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މީގެ ކުރިން ކުޅުނު ސުހެއިލް މި ލަނޑު ޖެހީ އޭރިއާ ރޮނގުމަތިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ސުހެއިލް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑާ ގުޅިގެން ޓީއެފްޓީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ބ. އޭދަފުށްޓަށް އުފަން، ސުހެއިލް އެވެ. 
ފަރުހާދު އިސްމާއިލް (ފަރޭ)ގެ ކޯޗުކަމުގައި ކުޅުނު ޓީއެފްޓީން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ އެކު، އެ ޓީމަށް ވަނީ މާލެ ރީޖަން ލީގުން (ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން) ޖާގައެއް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ