އަހުމަދު ހުސެއިން، ޑުރަގް ފެނުނު ގޭގެ ބިމުގެ އަޑި ކޮނެގެން ތަނެއް ހެދި ކަމަށް ބުނާ ބަޔަކު ބަޔާންދީފި

މާފަންނު ގެއެއްގެ ތަޅުން ދަށުގައި ވަޅުލާފައި ހުއްޓައި ހޯދި 42 ކިލޯގެ ޑުރަގުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު ހުސެއިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ޕީއެންސީގެ ކައުންސިލުން ވަކިކުރި އަހުމަދު ހުސެއިންގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ތުހުމަތެވެ.
އެ މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އެންމެ ފަހުން އިތުރުކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ.
އެ މުއްދަތު ހަމަވާތީ, ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން, އަހުމަދު ހުސެއިންއާ ދެކޮޅަށް ފުލުހުން ވަނީ އޭނާއާ އިތުރު މީހަކު ވެގެން ޑުރަގް ފެނުނު ގޭގެ ބިމުގެ އަޑި ކޮނެގެން ތަނެއް ހެދި ކަމަށް ބުނާ ފަރާތްތަކުގެ ބަޔާންވެސް ހުށަހަޅައިފައެވެ.
އޭގެ އިތުރުން އިންޓެލިޖެންސް ރިޕޯޓާއި ސީނުގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި މޯބައިލް ފޮރެންސިކް ރިޕޯޓް ހުށަހަޅާފައިވެ އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން, އަހުމަދު ހުސެއިންގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވީ ނަމަވެސް, އޭނާއަކީ އާމްދަނީ ލިބޭ ސައްހަ ވިޔަފާރިއެއްކުރާ މީހެއްކަން އެނގޭ ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން އޭނާގެ އެކައުންޓުން ކޮށްފައިވާ ވަކި މުއާމަލާތަކީ ޝައްކުކުރެވޭ މުއާމަލާތްތަކެއް ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ