ޤާސިމްގެ މަދަދަށް އެދި، އުމަރު ނަސީރު މާފަންނުވިލާގައި

ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، ޕާޓީ ދެ ބަޔަކަށް ބެހިފައިވަނިކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނުކުތުމަށްޓަކައި، ޕީޕީއެމްގެ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހީމްގެ އެހީތެރިކަމަށް އެދި، މ. މާފަންނުވިލާގައި، ޤާސިމްއާ ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.
މި ބައްދަލުކުރެއްވުމަށްފަހު، މީޑިޔާއަށް މައުލޫމާތުދެއްވަމުން އުމަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއީދުކުރެއްވުމަށް ގާސިމްއަށް ދަންނަވާފައިވާ ކަމަށާއި، ވިސްނާލުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި ކަމަށް، އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އުމަރު މިރޭ ގާސިމްއާ ބައްދަލުކޮށްފައިވާއިރު، ދާދިފަހުން ޕީޕީއެމްގެ ތެރޭ ތިބި ރައީސް އަބްދުﷲ ޔާމީންއަށް ތާއީދުކުރައްވާ ފަރާތްތަކުން ވެސް ވަނީ ގާސިމްއާ ބައްދަލުކުރައްވާފައެވެ.
ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމެއްގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ޕީޕީއެމްގެ ތެރޭ ކޯޅުން ބޮޑުވެ ދެ ފެކްޝަނެއް އުފެދިފައިވާއިރު، ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ އުމަރު އެކަންޏެވެ. ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކާ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ، އަންނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ