ޕީޕީއެމްގެ ކައުންސިލަށް އިއްޔެ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަންކުރެއްވި، ބޭފުޅުންނަށް މިރޭގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށް، ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު، އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން ވިދާޅުވީ، އިއްޔެ އައްޔަންކުރެއްވި ބޭފުޅުންގެ އިތުރުން، ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި އާމިނަތު ނާދިރާއަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށާއި، އެ ދެ ބޭފުޅުންނަކީ ޕާޓީން ވަކިކޮށްފައިވާ ދެ ބޭފުޅުން ކަމަށެވެ.
"މިރޭ އަޅުގަނޑުމެން ބާއްވާ ކައުންސިލް ބައްދަލުވުމުގަ ފާރިސް މައުމޫން ،ނާދިރާ، އުމަރު އަދި ސޮފްވާންގެ ނަމުގައި ފޮނުވާފައިވާ ނަންތަކަށް ދައުވަތެއް ނުދޭނަން. އެކަމަކު ރައީސް މައުމޫނަށް ދައުވަތު ދޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން" ނިހާން ވިދާޅުވިއެވެ. މިރޭ ނުވައެއް ޖަހާއިރު ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ބައްދަލުވުމުގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ އަމިއްލަފުޅުކަމެއް ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ކުރިއަށް ދާނީ ޕާޓީ ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީއަށް އަމީންއާންމެއް އައްޔަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކުރިޔަށް ގެންދާނެ ގޮތް ރާވާ އެ މަސައްކަތް ކުރާނެ އަދި މާދަމާއިން ފެށިގެން އަތޮޅުތަކުގައި އުޅޭ ޕާޓީގެ މެންބަރުން އަމަލު ކުރަން ޖެހޭ ގޮތް އަންގަމުން ދާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވިއެވެ.
ރައީސް މައުމޫން އާއެކު މަޝްވަރާ ކުރުމަށް އަދިވެސް ތައްޔާރަށް ތިއްބެވި ކަމަށާއި މަޝްވަރާ ނުކުރެވޭނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް މައުމޫން އައްޔަންކުރެއްވި ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ