ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެ ނިންމުން ރައްޔިތުންގެ މަޖިލީހުން ވެސް "ޗެލެންޖް" ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޓިކެޓްގައި ވިލިމާފަންނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަހުމަދު ނިހާން ހަސަން މަނިކުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށްގެން ނޫނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ސުޕްރީމް ކޯޓާ މެދުގައި ތަފާތު ވައްތަރުވައްތަރުގެ ބަހުސްތައް ކުރެވެމުންދާތަން، ނަމަވެސް ގާނޫނު އަސާސީގައި އޮތް ގޮތުން އެންމެ ފަހު ބަސް ބުނާ ފަރާތަކީ ވެސް އަދި ގާނޫނު އަސާސީ މާނަކުރުމުގެ ބާރު ވެސް ދީފައި މިވަނީ ސުޕްރީމް ކޯޓަށް. އެ ނިންމުން ޗެލެންޖް ނުކުރެވޭނެ ރައްޔިތުންގެ މަޖިލީހަށް ވެސް،" ގާސިމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކާ މެދު އެއްވެސް މުއައްސަސާއަކަށް ދެކޮޅުވެރިކަން ނުދެއްކޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އޭގެ ބަދަލުގައި އަމިއްލަފަރުދުންނާއި މުއައްސަސާތަކުން އަދި ޖަމާއަތްތަކުން ވެސް އެ ކޯޓުގެ ނިންމުމަށް އެއްބާރުލުން ދޭންޖެހޭނެ ކަން ގާނޫނު އަސާސީގެ އެތައް ތަނެއްގައި ކަނޑައަޅާފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެެން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އެއާ ދެކޮޅަށް ވާހަކަދައްކާ އަޅުގަނޑުމެންގެ ތެރޭގަައި ހަމަނުޖެހުން އުފައްދާ މުޒާހަރާއަށް ނުކުމެ، ހަޅޭ ފަޅޭ ލެވުމަކީ ކޮށްގެންވާނެ ކަމެއް ނޫން، އެއީ އަޅުގަނޑުމެންގެ ނާގާބިލުކަން އަޅުގަނޑުމެންގެ ޖާހިލުކަން ނޫނީ އެހެން އެއްވެސް އެއްޗެކޭ ދަންނަވާކަށް ނެތް. އެހެންވެ އެބާވަތުގެ އެއްވެސް ކަމެއް ކުރާކަށް ފުރުސަތެއް ނުދެވާނެ،" ގާސިމް ވިދާޅުވި އެވެ.
މިއީ ޕީޕީއެމް އެމްޑީއޭ ކޯލިޝަނާ ގުޅިފައިވާ ކޯލިޝަންގެ ފަރާތުން އިލެކްޝަންސް ކޮމީޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސްގެ އަހުމަދު ފަޔާޒް ހަސަންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކުރި ފަހުން އާއްމުތަނެއްގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމަށް އެމްޑީޕީން ޗެލެންޖްކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސްގެ އަހުމަދު ފަޔާޒް ހަސަންގެ ގޮނޑި ގެއްލިފައިވާ ކަަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ނަމަވެސް އެ ހުކުމަށް އަމަލު ކުރުމަށް ކަނޑަައަޅާފައި ވަނީ ތިން އަހަރު ފަހުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުން މަޖިލީހަށް ވެސް ޗެލެންޖް ނުކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ