އެމްޑީޕީން ސަރުކާރު ޒިންމާދާރެއް ނުކުރޭ، ކުރާކަމަކީ ރައްޔިތުން މަގުމަތި ކުރުން – ރައީސް

އައްޑޫ ސިޓީ ހިތަދޫއިން
އެމްޑީޕީއިން ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި އެމްޑީޕީއިން ކުރާ ކަމަކީ ރައްޔިތުންގެ މަގުމަތި ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން މަގުމަތި ކުރުމަކީ ސަރުކާރުން ރައްޔިތުންނަށްޓަކާ ހުށައަޅާ ގިނަ މަޝްރޫތަށް ހިމެނޭ ބަޖެޓްތަކަށް އެމްޑީޕީއަށް ނިސްބަތް މެމްބަރުން ވޯޓް ނުދެއްވުން ކަމަށެވެ.
"އެމްޑީޕީއިން ސަރުކާރު ޒިންމާދާރެއް ނުކުރޭ. އެމްޑީޕީއިން ކުރާ ކަމަކީ ރައްޔިތުން މަގުމަތި ކުރުން. ސަރުކާރުން ރައްޔިތުންނަށް ހުށައަޅާ ގިނަ މަޝްރޫތަށް ހިމެނޭ ބަޖެޓްތަކަށް ވޯޓެއް ނުދެއްވާ. އެއީ ރައްޔިތުން މަގުމަތި ކުރުމަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުން އައްޑޫ ސިޓީއަށް ކޮށްދޭން ބުނެފައިވާ ކަންތައްތަށް މި ސަރުކާރުގެ 5 އަހަރު ތެރޭ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"ހިތަދޫގަ އަޅާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ޖުލައި މަސްތެރޭ ފެށޭނެ. މި ސަރުކާރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރާނަން. 100 އެނދުގެ ހޮސްޕިޓަލެއް އަޅާނަން. އަދި އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކާ ސަރުކާރުން މި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މި 5 އަހަރުތެރޭ އިރާދަކުރެއްވިއްޔާ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވައުދުވެފައިވާ ކަންތައްތަށް ކޮށްދެއްވާނަން" ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.
ރައީސް މައުމޫން އައްޑޫ ސިޓީއަށް ގެނެސްދިން ތަރައްގީއާއި ރައީސް ނަޝީދު ގެނެސްދިން ތަރައްގީއާ ގާތްވެސް ނުކުރާ ކަމަށާއި 300 އެތަށް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން ހަދާފައިވާ ކޮވެންޝަން ސެންޓަރުގެ ބޭނުން އޭގެ އެންމެ އެކަށީގެންވާ ގޮތުގަ ހިފެމުން ނުދާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަރު ސަރުކާރަށް ބޭނުންވާ ކަމަށާއި އެ އަޢުލަބިއްޔަތު ނުލިބިއްޖެއްނަމަ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ހުށައަޅާފައިވާ ކަންތައްތަށް ނުކުރެވޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ