ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރެއްވި ފާރިޝް މައުމޫނަށް ޕީޕީއެމްގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފި އެވެ.
ފާރިޝްއާ އެލިޔުން ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެބައްދަލުވުމުގައި ފާރިޝްގެ ބައްޕަ، މައުމޫނު ވިދާޅުވީ ދިއްގަރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރުމަކީ ސަރުކާރަށް ލިބޭނެ ބާރެއް ކަމަށާއި އަދި އެދާއިރާއަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ސަރުކާރުގެ ގިނަ ކަންތައްތަކެއް ނިންމޭ ކަމުގައިވާނަމަ މަޖިލީހުގެ ކޮންމެ ގޮނޑިއެއްވެސް މުހިއްމު ކަމަށެވެ.
"މިއިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް. ރައްޔިތުން މަޖިލީހުގެ ކޮންމެ ކޮނޑިއަކަށް ބޭއްވޭ އިންތިހާބަކީވެސް މުހިންމު އިންތިހާބެއް. ހާއްސަކޮށް މިފަދަ ޕާޓީ ނިޒާމް ގާއިމްވެފައިވާ ތަނެއްގައި އަގުލަބިއްޔަތު އޮންނަ ޕާޓީއަކުން މަޖިލީހުގައި ކަންތައްތައް ނިންމާ ތަނެއްގައި އޮންނަ ގޮތަށް އޮންނަނަމަ އެގޮނޑިތަކަކީ ވަރަށް މުހިންމު ގޮނޑިތަކެއް. އެހެންވެ ދިއްގަރު ދާއިރާގެ އިންތިހާބުވެސް އަހްމަދު ފާރިޝް މައުމޫން ކާމިޔާބު ކުރުން އަޅުގަނޑު އެދެނީ،" މައުމޫން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ފާރިޝް ވިދާޅުވީ ޕީޕީއެމަކީ ވަރަށް ވަރުގަދަ، ބަދަހި ޕާޓީއެއް ކަމަށާއި ޕްރައިމަރީން ފެނުނު މަންޒަރުތަކުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ ދިއްގަރު ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މަގުމަތީގައި ވަރުގަދަ ކުރި ނަމަވެސް އެ ޕާޓީތައް އޮތީ ވަރަށް ބޮޑަށް "ހާވިޔާ" ވެފައި ކަމަށެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޓިކެޓް ރަސްމީކޮށް ފާރިޝް މައުމޫނަށް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ