އިންޑިއާގައި ޓިކްޓޮކް ހުއްދަ ކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ކުންފުނިން ދޮގުކޮށްފި
އިންޑިއާގައި މަނާކޮށްފައިވާ ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކް، އެ ގައުމުގައި ހުއްދަ ކުރަން އުޅޭ ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކަތައް އެ އެޕް ހިންގާ ކުންފުނި، ބައިޓްޑާންސުން ދޮގުކޮށްފިއެވެ. އިންޑިއާގައި ޓިކްޓޮކް ހުއްދަކުރަން އުޅޭ އަޑުތައް ފެތުރެން ފެށީ އެ ގައުމުގެ ބައެއް މީހުންނަށް މިދިޔަ ހުކުރު ދުވަހު ކުޑަ ވަގުތުކޮޅަކަށް ޓިކްޓޮކްގެ ރަސްމީ ވެބްސައިޓަށް ވަދެވޭ ގޮތް ވުމުންނެވެ. "އަޅުގަނޑުމެން އިންޑިއާގައި ޓިކްޓޮކްގެ ޚިދުމަތް އަލުން ފަށާފައެއް ނުވާނެ، އަދި އަޅުގަނޑުމެން ދަނީ އިންޑިއާ ސަރުކާރުގެ އަމުރަށް ފުރިހަމައަށް ތަބާވަމުން،" ޓެކްކްރަންޗަށް މައުލޫމާތު ދެމުން ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވިއެވެ. އޭނާ ވަނީ އެ އެޕް އިންޑިއާގައި އަދިވެސް ބޭނުންނުކުރެވޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. މީގެ އިތުރުން، އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގެ އިސް އޮފިޝަލަކުވެސް ވަނީ، ސަރުކާރުން އެ އެޕް "އަންބްލޮކް ކުރުމަށް ނުވަތަ އެކްސެސް ދިނުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ" ކަމަށް ވިދާޅުވެފައެވެ. ހުކުރު ދުވަހު ޓިކްޓޮކްގެ ވެބްސައިޓަށް އިންޑިއާގެ ބައެއް ސަރަހައްދުތަކުން ވަދެވިފައިވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، އެ ވެބްސައިޓަށް ވަދެ، އެކައުންޓެއް ހަދައި ލޮގިންވެސް ކުރެވުނު ނަމަވެސް އެއަށްފަހު "ޓިކްޓޮކް އިންޑިއާގައި މަނާކޮށްފައިވާ ކަމަށާއި، އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ" ކަމުގެ މެސެޖަކުން ބުނެފައިވެއެވެ. އިންޑިއާގައި ޓިކްޓޮކް ބޭނުންކުރެވޭ ގޮތް ހެދުނީ ނެޓްވޯކްގައި ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެގޮތުން 2022 ވަނަ އަހަރުވެސް އިންޓަނެޓް ޚިދުމަތްދޭ ބައެއް ކުންފުނިތަކަށް އޮޅުމަކުން ވެބްސައިޓް އަންބްލޮކް ކުރެވުމުން މިފަދަ އަޑުތަކެއް ފެތުރުނެވެ. އިންޑިއާ ސަރުކާރުން ޓިކްޓޮކް މަނާކުރީ 2020 ވަނަ އަހަރުގެ ޖޫން މަހު، އެ ގައުމުގެ އައިޓީ ގާނޫނުގެ ދަށުންނެވެ. އެއީ ގައުމީ ސަލާމަތާއި، ރައްޔިތުންގެ ޑޭޓާގެ ޕްރައިވެސީއާ ގުޅޭ ކަންބޮޑުވުންތަކެއް ހުރުމުން، އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެންނެވެ. ޓިކްޓޮކް މަނާކުރި ފަހުން، ބައިޓްޑާންސުން ވަނީ އިންޑިއާގެ މާކެޓަށް އަލުން ވަނުމަށް އެކި ގޮތްތައް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން، 2022 ވަނަ އަހަރު އިންޑިއާގެ ހިރަނަންދާނީ ގްރޫޕާ ގުޅިގެން ޓިކްޓޮކް އަނބުރާ ގެނައުމަށް މަޝްވަރާތަކެއް ކުރި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ