ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރި ދަޅު މަސް ޓަނަކުން ދުވަހަކު ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކަމަކު އެއާ ހިލާފަށް، ޕްރޮސެސް ނުކުރާ ރޯ މަހުން ފައިދާ ހޯދެނީ ނިކަން މަސައްކަތުންނެވެ. ގެއްލުންވާ ފަހަރު ގިނަ އެވެ.
ރޯ މަހަށް ލިބޭ އަގު ބަރޯސާ ވަނީ ދުނިޔޭގެ މަހުގެ ބާޒާރުގައި އަގު ހުރި މިންވަރަކުންނެވެ. އެކަމަކު، ދަޅު މަހުން ލިބޭ އަގު ކުރީބައިގައި އެނގެ އެވެ. ގިނަ ފަހަރު ދަޅު މަސް ބޭރު ކުރަނީ އޯޑަރެއް އައީމަ އެވެ. ދަޅު މަސް އެކްސްޕޯޓް ކުރުމަކީ ގެއްލުމެއް ނެތް، ފައިދާވާ ވިޔަފާރިއެކެވެ.
ކަނޑު މަސް ޕްރޮސެސްކޮށް، ވެލިއު އެޑު ކުރުމަށްފަހު، އެކްސްޕޯޓު ކުރުން ފައިދާ ބޮޑުވި ނަމަވެސް މިފަހުން އިވުނުު ހަބަރަކީ، ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން ރާއްޖެއިން ރޯ މަސް އެކްސްޕޯޓް ކުރުމަށްފަހު، ޗައިނާގައި އެ މަސް ދަޅުގައި ބަންދު ކުރަން އުޅޭ ވާހަކަ އެވެ.
ދިވެހި ރޯމަސް ޗައިނާގައި ދަޅަށް ބަންދު ކުރުމަކީ، ލިބޭނެ ކާމިޔާބެއް ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެ އެވެ. ދިވެހި މަސް ޗައިނާއަށް އެކްސްޕޯޓް ކުރުމަށްފަހު އެ ގައުމުގައި ބަންދު ކުރާތީ އިގްތިސާދާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވެސް އެކަމަށް މަރުހަބާ ވިދާޅުވި އެވެ.
ރޯމަސް އެކްސްޕޯޓް ކުރުމަކީ ވެސް ފައިދާ ނެރެވިދާނެ ވިޔަފާރިއެކެވެ. އެކަމަކު، ޔަގީނުން ވެސް ފައިދާ ނެރެވޭނީ ދަޅު މަސް ބޭރުކޮށްގެންނެވެ.
ޗައިނާގެ ކުންފުނިން މަސް ދަޅު ހަދަން ފެށުމުން ރާއްޖޭގެ ކޭނިން އިންޑަސްޓްރީގެ ކުރިމަގާ މެދު ސުވާލު އުފެދެ އެވެ. ރާއްޖެއަށް ރަނގަޅު ގޮތަކީ މަހުގެ ވެލިއު އެޑުކޮށް ބޭރު ކުރުންތޯ ނުވަތަ ރޯ މަސް އެކްސްޕޯޓް ކުރުންތޯ އެއީ ވިސްނަންޖެހޭ ކަމެކެވެ.
ޕޯލް އެންޑް ލައިން
ރާއްޖޭގައި ކުރަނީ އާދަޔާ ހިލާފު މަސްވެރިކަމެކެވެ. ދިވެހި މަސްވެރިކަން ތަފާތުވާ މައިގަނޑު ސަބަބަކީ ދޮށިން ނޫން ގޮތަކަށް ދިވެހިން މަސް ނުބާނާތީ އެވެ. ދޮށިން، ފަހަރަކު މަހެއް ބޭނުމުން އޭގެ ފައިދާ ވަރަށް ބޮޑަށް ފެނެ އެވެ.
ދޮށި ނުވަތަ ޕޯލް އެންޑް ލައިން މަސްވެރިކަމުގެ ސަބަބުން ކުދި އަދި ބޭނުންނުވާ ޒާތުގެ މަސް (މިސާލަކަށް މިޔަރު) މަރުވުމުގެ މައްސަލައެއް ދިމައެއް ނުވާނެ އެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ ގޮތެކެވެ. އެއާ ހިލާފަށް، ތައިލެންޑު ފަދަ ގައުމުތަކުގައި ދާ އަޅައިގެން މަސް ބާނާތީ، އިންޑިއާ ކަނޑުގައި އުޅޭ މަހުގެ އާބާދީއަށް ވެސް އެބަ އަސަރު ކުރެ އެވެ.
ތަރައްގީވެފައިވާ ގައުމުތަކުގައި، ހާއްސަކޮށް ޔޫރަޕުގައި، ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރާ މީހުންނަށް ހާއްސަކަމެއް ދެ އެވެ. އެފަދަ ގައުމުތަކުގައި، ދާ އަޅައިގެން މަސްވެރިކަން ކުރާ މީހުން ބޮއިކޮޓް ކުރަން ގޮވާލަ އެވެ.
ރާއްޖެއިން ބާނާ މަހުގެ އަގު ހުރެފައި، މުޅި ދުނިޔެއަށް މަޝްހޫރުވަނީ މި ސަބަބާ ހުރެ އެވެ. ދޮށީގެ މަސްވެރިކަން ކޮށްގެން އެންމެ ގިނައިން މުޅި ދުނިޔޭގައި ވެސް މަސް ބާނަނީ ދިވެހިރާއްޖޭގަ އެވެ. މުޅި ދުނިޔެއިން ދޮށީގައި ބާނާ މަހުގެ ތެރެއިން 43 ޕަސެންޓު ބާނަނީ ރާއްޖެއިންނެވެ. ރާއްޖެއާ ދެން ވާދަ ކުރަނީ ޖަޕާނު އަދި އިންޑޮނީޝިއާ އިންނެވެ.
ރޯމަސް އެކްސްޕޯޓް ކުރުން
ރާއްޖޭގައި މަސް އެކްސްޕޯޓް ކުރަނީ މައިގަނޑު ދެގޮތަކަށެވެ. އެއީ ޕްރޮސެސް ނުކުރާ މަހާއި ޕްރޮސެސްކޮށްފައި ހުންނަ މަހެވެ. އޭގެ ތެރެއިން ބޮޑު އަގު ލިބެނީ ޕްރޮސެސްކޮށްފައި ހުންނަ މަހަށެވެ. ޕްރޮސެސް ނުކުރާ މަސް، ވިއެޓްނާމް، ތައިލެންޑް، މޮރިޝަސް އަށް ރާއްޖެއިން ވިއްކަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2020 އިން ފެށިގެން 2023 އާ ހަމައަށް 609,463 ޓަނުގެ މަސް ބޭނި އެވެ. އެހެންކަމުން އެވްރެޖުކޮށް އަހަރަކު 152،365 ޓަނުގެ މަސް ރާއްޖޭގައި ބާނަ އެވެ. އޭގެ ތެރެއިން ލޯކަލް މާކެޓަށް ނޫން ގޮތަށް ވިއްކޭ މަހުގެ އެވްރެޖަކީ 86،201 ޓަނެވެ. އޭގެ ތެރެއިން ޕްރޮސެސް ކުރުމަށްފަހު ބޭރު ކުރެވެނީ އެވްރެޖުކޮށް އަހަރަކު އެންމެ 10،693 ޓަނުގެ މަހެވެ.
ޕްރޮސެސް ނުކުރާ ރޯމަސް ވިއްކާއިރު، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ގޮތަށް، މަސް ގަންނަ ކުންފުނިތަކުން ބަލަ އެވެ. އެކަމަކު ރާއްޖޭގައި މަސް ދޯނިތަކުން މަސް ވިއްކަނީ ކުރިން ހަމަޖައްސާފައި ހުންނަ އަގެއްގަ އެވެ. މަހުގެ އަގު ރާއްޖޭގައި އޮންނަނީ ވަރަށް ބޮޑަށް ސިޔާސީވެފަ އެވެ.
މިފްކޯއިން މަސް ގަންނަނީ ދުނިޔޭގެ ބާޒާރަށް ބެލުމެއްނެތި "ސިޔާސީ އަގެއްގަ" އެވެ. އެހެންވެ އޭގެ އަސަރު ޕްރިވެޓް ކުންފުނިތަކަށް ވެސް ކުރެ އެވެ. އެހެންވެ، ރޯމަސް އެކްސްޕޯޓް ކުރާއިރު، ހާއްސަކޮށް މިފްކޯއަށް ގެއްލުންވާ ފަހަރު މަދެއް ނޫނެވެ.
ޕްރޮސެސް މަސް އެކްސްޕޯޓް ކުރުން
ޕްރޮސެސް ކުރާ މަހުގެ ތެރެއިން ގިނައީ ދަޅުގައި އަދި ޕައުޗުގައި ބަންދުކޮށް ބޭރު ކުރާ މަހެވެ. ދަޅު އަދި ޕައުޗުގައި ބަންދު ކުރާ މަހުގެ އެވްރެޖަކީ 8966 ޓަނެވެ. އެހެނިހެން ގޮތް ގޮތަށް ޕްރޮސެސް ކުރުމަށްފަހު އަހަރަކު ބޭރު ކުރަނީ އެންމެ 1727 ޓަނު މަހެވެ.
ރާއްޖޭގައި މަސް ޕްރޮސެސްކޮށް ބޭރު ކުރާ އުޅެނީ މައިގަނޑު ތިން ކުންފުންޏެކެވެ. އެއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އާއި އެންސިސް ފިޝަރީޒް އެވެ.
މި ވަގުތަށް ބަލާއިރު މިފްކޯއިން މަސް ޕްރޮސެސް ކުރަނީ ފެލިވަރުގައި އެކަންޏެވެ. ފެލިވަރުގެ ޕްރޮސެސް ކުރެވެނީ ދުވާލަކު 35 ޓަނެވެ. ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ވެސް ދުވާލަކު 35 ޓަނު ޕްރޮސެސް ކުރެ އެވެ. އެކަމަކު އެ ކުންފުނިން މާންދޫގައި ހިންގާ ޕްލާންޓުގައި 85 ޓަނު ދުވާލަކު ޕްރޮސެސް ކުރެވެ އެވެ. މީގެ ދެ އަހަރު ކުރިން 2023 ގެ ފަހުކޮޅު، މިފްކޯއަށް މަސް ގަންނަ އަގު 25 އަށް ބޮޑު ކުރުމުން، އެންސިސް އިން ވަނީ އެ ކުންފުނިން ހުޅުމާލޭގައި ހިންގި ޕްރޮސެސިން ޕްލާންޓު ހުއްޓާލައިފަ އެވެ.
އެކަމަކު، ޕްރޮސެސިން ކެޕޭސިޓީ އިތުރު ކުރަން މިފްކޯއިން ވަރަށް ބޮޑު މަސައްކަތެއް އެބަ ކުރެ އެވެ. ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ 100 ޓަނަށް އިތުރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެވެ. ގދ. ފިޔޯރީގައި 100 ޓަނުގެ ޕްލާންޓެއް ދާދި އަވަހަށް އަޅާނެ އެވެ. އަދި ނިލަންދޫގައި ވެސް 50 ޓަނު ޕްރޮސެސް ކުރެވޭނެ ޕްލާންޓެއް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ. އެހެންކަމުން މިފްކޯގެ ޕްރޮސެސިން ކެޕޭސިޓީ 250 އަށް އިތުރުވާނެ އެވެ.
ޗައިނާގެ ވެއިހާއި ކިއުޒީ ބްލޫސީ ފުޑްސް އިން މިދިޔަ ހޮނިހިރު ވަނީ ރާއްޖެއިން އެ ގައުމަށް އިމްޕޯޓް ކުރި މަސް ދަޅުގައި ޕެކް ކުރުމަށްފަހު ސާމްޕަލްތަކެއް ދައްކާލައިފަ އެވެ. އެއާއެކު، އެކަމަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވި އެވެ.
މައިގަނޑު ގޮތެއްގައި ފާޑުކިޔުން އަމާޒުވީ، ރޯމަސް އެކްސްޕޯޓް ކުރުމަށް ވުރެ، ޕްރޮސެސް މަސް އެކްސްޕޯޓް ކުރުން ފައިދާކަން އެނގޭ އިރު ވެސް، ޗައިނާގައި ރާއްޖޭގެ މަސް ދަޅުގައި ބަންދު ކުރުމަކީ "ކާމިޔާބެއްގެ ގޮތުގައި ސަރުކާރުގެ ވެރިން ބަލައިގަތުމެވެ.
"ރާއްޖޭގައި ބޭނި މަހުން މަސް ދަޅުގެ ފުރަތަމަ ބެޗު ކާމިޔާބުކަމާއެކު ތައްޔާރު ކުރުމުން ވެއިހާއި ކިއުޒީ ބްލޫސީ ފުޑްސް އަދި ޖިންގްވައިޑޫ ބްރޭންޑަށް ވަރަށް ބޮޑަށް މަރުހަބާ،" ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރޯމަސް އެކްސްޕޯޓް ކުރުން ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވި އެއް ބޭފުޅަކީ މިފްކޯގެ ކުރީގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. އަދަދު އާ ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މަސް ޕްރޮސެސް ކުރުމުގެ ބަދަލުގައި ރޯމަސް އެކްސްޕޯޓް ކުރަން ހިތްވަރު ދިނުމަކީ، މަހުގެ އިންޑަސްޓްރީ އިން ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެން ހޯދަންޖެހޭނީ އަޅުގަނޑުމެންގެ ރޯ މެޓީރިއަލް އެކްސްޕޯޓް ކުރާނެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ފެކްޓަރީ އެބަހުރި މިހާރު ވެސް ފެލިވަރުގައި 50 ޓަނާ ހަމައަށް ޕްރޮސެސް ކުރެވޭނެ ވަސީލަތްތަކާއެކީ. އެތަނުން ޗައިނާއަށް ވެސް އެކްސްޕޯޓް ކުރަންވީ. އޭގެ ބަދަލުގައި ރޯ މެޓީރިއަލް އެކްސްޕޯޓް ކުރީމަ އަދިވެސް ފަހަތަށް ދެވޭނީ،" ފައުޒީ ވިދާޅުވި އެވެ.
މަސްވެރިކަމުގެ އިންޑަސްޓްރީގައި 30 އަހަރަށްވުރެ ގިނަ ދުވަސް މަސައްކަތް ކުރެއްވި ބޭފުޅަކު، ސިޔާސީ ގޮތުން ތުރާލެއް އަތުވެދާނެތީ ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރޯމަސް އެކްސްޕޯޓްކޮށް އެހެން ގައުމެއްގައި ބަންދު ކުރުމަކީ އެއްވެސް މިންވަރެއްގެ ކާމިޔާބެއް ނޫން ކަމަށެވެ.
"އަޅުގަނޑު ކޮންމެވެސް ނޫހަކުން ސުރުހީއެއް ދެކުނިން، ރާއްޖޭގެ ރޯ މަސް ކާމިޔާބުކަމާއެކު ޗައިނާގައި ބަންދުކޮށްފިޔޭ. ހީވަނީ ހަނދަށް ދެވިގެން އުޅޭހެން. ރާއްޖޭގެ މަހެއް ގެންގޮސްގެން ކޮންމެ ތާކު ވެސް ބަންދު ކުރެވޭނެ އެނގޭތޯ،" އޭނާ ވިދާޅުވި އެވެ.
"އަތްތިލަބަޑި ޖަހަން ޖެހޭނީ އަޅުގަނޑުމެންގެ ދަޅުމަސް ލާޖް ސްކޭލެއްގައި ޗައިނާއަށް ދިޔައީ. އެއީ ތަރުހީބު ދޭންޖެހޭ ކަމެއް. ޗައިނާ އެފްޓީއޭގެ ދަށުން ދަޅު މަހަށް 100 ޕަސެންޓު ޑިއުޓީ ފްރީ ކަމަށްވަންޏާ ހަމަ މިހާރު ހުރިހާ ކަމެއް ހުއްޓާލާފައި ކުރަންޖެހޭ ކަމަކީ ކޭނަރީތައް އެޅުން."
މަހުގެ ވިޔަފާރީގެ އެތެރެ އާއި ބޭރު ވަރަށް ރަނގަޅަށް އެނގޭ އެ ވިޔަފާރިވެރިޔާ ވިދާޅުވީ، ސަރުކާރުން އަދި ދިވެހިން ވެސް އުފާވާންޖެހޭނީ މަސް ދަޅު ޗައިނާއަށް އެކްސްޕޯޓް ކުރެވުމުން ކަމަށެވެ.
"އަޅުގަނޑުމެން ދިވެހިން އުފާވާނީ ދިވެހިރާއްޖޭގެ ދަޅު މަސް ޗައިނާގެ މާކެޓުން ފެނުނީމަ. މިހާރު ވެސް ރޯ މަސް ބޭރު ކުރީމަ، ދުނިޔޭގެ މާކެޓުގައި ހުރި އަގުތަކަށް ބަލާއިރު، ގިނަ ފަހަރު ވާނީ ގެއްލުން އާދަޔާ ހިލާފަށް އަގު ރަނގަޅު ދުވަސްވަރެއްގައި ނޫނީއްޔާ. އެކަމަކު އަބަދުވެސް، އަބަދުވެސް ދަޅު މަސް ބޭރުކޮށްގެން ވާނީ ފައިދާ. ދުވަހަކު ވެސް ދަޅު މަސް ބޭރުކޮށްގެން ގެއްލުވި ތަނެއް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވި އެވެ.
ކަންބޮޑުވާ މީހުން ދެން އުފެއްދި ސުވާލަކީ ޗައިނާއަށް މަސް ވިއްކުން "ހާއްސަ ކަމެއްގެ ގޮތުގައި" ސަރުކާރުން ދެކުމެވެ. އެބޭފުޅުން ވިދާޅުވަނީ ޗައިނާއަށް މަސް ވިއްކުން ހާއްސަވާންޖެހޭނީ، ރާއްޖޭގެ މަހަށް ހާއްސަ އަގެއް ލިބޭނަމަ ކަމަށެވެ. އެކަމަކު، އެއާ ހިލާފަށް ޗައިނާއިން ރަނގަޅު އަގެއް ނުލިބޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"އޮޕޮޗިއުނިޓި ހުޅުވި ރަނގަޅު އަގެއް ލިބުމުގެ ފުރުސަތެއް އޮވެދާނެ. އެކަމަކު، ޗައިނާއަކީ ޕޯލް އެންޑް ލައިން ނުވަތަ އެމްއެސްސީ ސެޓިފިކޭޝަނަށް މާ ބޮޑު އަހައްމިއްޔަތެއް ދޭ ތަނެއް ނޫން. ޑިއުޓީ އިން ލިބޭ އެޑްވާންޓޭޖެއް ލިބިދާނެ. އެކަމަކު އަޅުގަނޑުމެން ރާއްޖޭގެ މަސް ޔޫރަޕަށް ވިއްކައިގެން ލިބޭ އަގެއް ނުލިބޭނެ،" ނަން ނުޖެހުމަށް ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރާ އެހެން ވިޔަފާރިވެރިޔަކު ވެސް ވިދާޅުވީ، ޗައިނާގައި މަސް ދަޅު ބަންދު ކުރުން މޮޅު ކަމަކަށް ވާނީ، ޗައިނާއިން ހާއްސަ އަގެއް ލިބޭ ނަމަ ކަމަށެވެ.
"ޗައިނާގައި ދަޅު ބަންދު ކުރުމަކީ މޮޅު ކަމަކަށްވީސް އެ ބޭރު ކުރާ މަހަށް ތަންކޮޅެއް ރަނގަޅު އަގެއް ލިބުނު ނަމަ. ރާއްޖެ އާއި ރާއްޖޭގެ ނަމަށް ހާއްސަކަމެއް ދޭނެ ކަމަށް ޗައިނާއިން ބުނޭ. އެކަމަކު މިހާތަނަށް އެކަން ވާތަނެއް ނުފުނޭ. ފަހަރެއްގައި ވެދާނެ އެވަރަށް މަސައްކަތް ނުކުރެވެނީ ކަމަށް ވެސް. މޮރިޝަސް ތަންތަނަށް ވެސް ލިބޭ ރަނގަޅު އަގެއް،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވެސް ވިދާޅުވި އެވެ.
މަސް ޕްރޮސެސްކޮށް، މަހަށް ވެލިއު އިތުރުކޮށް ވިއްކުމަކީ ސަރުކާރުން ވެސް ގެންގުޅޭ ވިސްނުމެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވާހަކަތަށް ބަލާ ނަމަ ވެސް އެކަން ނިކަން ސާފެވެ.
"އަޅުގަނޑުމެން މިހުށަހަޅަނީ ފިޝަރީޒް ސެކްޓާ އާއި ބެހޭ ކަންތައްތައް. މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު އަޅުގަނޑުމެން އެއް ކަމަކަށް މަސް ސްޓޯ ކުރާ ކްލޯސްޓޯރޭޖް ފެސިލިޓީސް އިތުރު ކުރާ ވާހަކަ އޮންނާނީ ހުށަހަޅާފަ. މަސް ގަނެ އެ މަސް ރައްކާތެރިކުރެވި ދެން އޭގެ ވެލިއު އެޑްކުރެވިގެން، ސްކޭންކުރެވިގެނ،ް ދަޅުގައި ބަންދުކުރެވިގެން، ރާއްޖެއިން ބޭރުކުރެވޭ ވަރު އިތުރުކުރުން،" ސެޕްޓެމްބަރު 6، 2023، ގައި ރައީސް ވިދާޅުވި އެވެ.
އިންތިހާބު ތެރޭގައި ރައީސް ވިދާޅުވީ، ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، މަސައްކަތް ކުރަންޖެހޭނީ މުޅިން ވެސް ދަޅުގައި ބަންދުކޮށް، މަހުގެ ވެލިއު އިތުރު ކުރުމަށްފަހު އެކްސްޕޯޓް ކުރަން ކަމަށެވެ.
"ރާއްޖެއިން ބޭރުކުރާވަރު އިތުރުކުރެވޭ ވަރަކަށް އަޅުގަނޑުމެންނަށް ރާއްޖެއަށް ލިބޭ ފައިސާ އިތުރުވެގެންދާނެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވާނީ ގަންނަ މަސް އެއްކޮށް ވެސް ދަޅުގައި ބަންދުކުރެވޭ ގޮތް ހެދުން. އެހިސާބަށް އެއްފަހަރަކާ ނުވެސްދެވޭނެ،" ސެޕްޓެމްބަރު 24، 2023، ގައި ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި މަސް ޕްރޮސެސް ކުރުމަށްފަހު ބޭރު ކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީން ކުރަން ބޭނުންވަނީ ރާއްޖެއަކީ ދެން ހަމައެކަނި ރޯ މަސް ބޭރުކުރާ ތަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި, އަޅުގަނޑުމެންގެ އުފެއްދުންތަކުގެ އަގު އިތުރުކުރުން [ވެލިއު އެޑް ކުރުން]. ސަރުކާރުން އިސްކަން ދެނީ އާ މާކެޓުތަކަށް އެކްސްޕޯޓުތައް އިތުރުކުރުމަށް އިންފްރާސްޓްރަކްޗާ ގާއިމުކޮށް މީހުންނަށް އާ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން," ތައިލޭންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަ ދައްކަވަމުން މެއި 20، 2024، ގައި ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރެން ގާތްވަމުން އަންނައިރު، ޕްރޮސެސިސްގެ ކެޕޭސިޓީ ފުޅާ ކުރެވިފައެއް ނުވެ އެވެ. ޕްރޮސެސިސް ކެޕޭސިޓީ ފުޅާ ނުކުރެވުނު ތަނުގައި، މަސް ޕްރޮސެސް ކުރަން މިފްކޯއަށް ލިބޭ ބޭރުގެ އޯޑަރުތައް ވަނީ އިންތިހާއަށް ދަށްވެފަ އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ފެލިވަރުގައި ޕްރޮސެސް ކުރާނެ އޯޑަރު ނެތިގެން އުޅޭތާ ހަތަރު މަސްދުވަސް ވެއްޖެ. އެންމެފަހުން ލިބުނު އޯޑަރުތައް ވެސް ކެންސަލް ކުރި ވާހަކަ އަޑު އިވެނީ. ކެންސަލް ކުރީ އޯޑަރަށް ބޭނުންވާ ހުރިހާ މެޓީރިއަލްއެއް ވެސް ރާއްޖެ ގެނެސްފަ. އެވެސް ވާނީ ވަރަށް ބޮޑު ގެއްލުމަކަށް،" މި ލިޔުމަށް ކުރިން ވާހަކަ ދެއްކެވި، މިފްކޯގެ ކުރީގެ ސީއީއޯ ފައުޒީ ވިދާޅުވި އެވެ.
އޯޑަރުތައް ކެންސަލް ކުރަންޖެހެނީ މިފްކޯގެ މަސައްކަތްތައް ދޯހަޅިކަމުން ކަމަށް ފައުޒީ ގަބޫލު ކުރައްވަ އެވެ. އޯޑަރެއް ފުރިހަމަ ކުރުމަކީ ވެސް ކުޑަ މަސައްކަތެއް ނޫނެވެ. އެކަން ކުރަން ދުރާލައި ރޭވިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ.
"އެވަރަށް މަސައްކަތް ނުކުރެވެނީއޭ އަޅުގަނޑަށް ދެންނެވޭނީ. ބޭރުގެ އޯޑަރުތަކަކީ ވެސް ވަކި ޓައިމްލައިނަކަށް ނިންމަންޖެހޭ އެއްޗެއް. އޯޑަރު ލިބުނީމަ އެއަށް ބޭނުންވާ އެޑިބަލް އޮއިލް އާއި ޕެކިން މެޓީރިއަލް އާއި ޕެކޭޖިން މެޓީރިއަލްއާ މި ހުރިހާ އެއްޗެއް ގެނެސް، ތައްޔާރުކޮށް، އޯޑަރު ކުރާ މީހުންގެ ބޭނުންވާ ދުވަހަކަށް އެމީހުންގެ ޝެލްފަށް ލެވޭވަރަށް ތައްޔާރު ކުރެވެންޖެހޭ،" ފައުޒީ ވިދާޅުވި އެވެ.
~~
ރޯމަސް ވިއްކުމަކީ ރާއްޖޭގެ ކުރިމަގެއް ނޫނެވެ. ރޯމަސް ވިއްކައިގެން އެކަން މޮޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މޮޅު ގޮތަކީ މަސް ދަޅު ބޭރު ކުރުމެވެ. މަހަށް ވެލިއު އިތުރު ކުރުމަށްފަހު، ގިނަ ފައިސާ ހޯދުމެވެ.
މަސް ޕްރޮސެސް ކުރުމުގެ ގާބިލްކަން އިތުރު ކުރެވެންދެން ރޯމަސް އެކްސްޕޯޓް ކުރުމަކީ ނެތް ކަމެއް ނޫނެވެ. އެކަމަކު، އެއިރުން ވެސް ޗައިނާއަށް އެކްސްޕޯޓް ކުރުން ވަކި ހާއްސައެއް ނުވެ އެވެ. ރޯމަހަށް އެހެން ގައުމުތަކުން މާ ރަނގަޅު އަގެއް މިހާރު ވެސް އެބަ ލިބެ އެވެ.
ރޯމަސް އެކްސްޕޯޓް ކުރުމަކީ ރާއްޖޭގެ ކުރިމަގެއް ނޫން، އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ރޯމަސް އެކްސްޕޯޓް ކުރުމަކީ ރާއްޖޭގެ ކުރިމަގެއް ނޫން، އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ