އަންނަ މަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓް ބުކްކުރަން އައިޑީކާޑު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ
އަންނަ އޮގަސްޓް މަހުން ފެށިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓު ބުކްކުރަން ހުށަހަޅާއިރު، އައިޑީކާޑު ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް، އެ އެއާލައިނުން ބުނެފިއެވެ. މިއަދު ނެރުނު ބަޔާނެއްގައި މޯލްޑިވިއަނުން ބުނީ، އެ އެއާލައިންގެ ފްލައިޓްތަކުން ޓިކެޓް ބުކްކުރަން ހުށަހަޅާއިރު، އަންނަ މަހުން ފެށިގެން ކަސްޓަމަރުން އައިޑީކާޑު ކޮޕީއާއި ލައިސެންސް ކާޑު ކޮޕީ ހުށަހަޅަން ދެން ނުޖެހޭނެ ކަމަށާއި، މި ނިންމުން ނިންމީ ކަސްޓަމަރުން ކުރާ ތަޖުރިބާތަކަށް ލުއިފަސޭހަކަމެއް ގެނައުމުގެ ގޮތުން ކަމަށެވެ. މޯލްޑިވިއަނުން ބުނީ، ކަސްޓަމަރުން ބުކިން ހަދާއިރު ކަސްޓަމަރުންގެ ޓްރެވަލް ޑޮކިއުމަންޓްތަކާ އެއްގޮތްވާ ގޮތަށް އައިޑެންޓިފިކޭޝަން ތަފުސީލު ހިއްސާކުރުމުން ނިމުނީ ކަމަށާއި، ޓިކެޓު ދޫކުރާނީ ނަމާއި ދީފައިވާ މައުލޫމާތާ އެއްގޮތަށް ކަމަށެވެ. ނަމުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ އެ އެއާލައިންގެ އީމެއިލަށް، ނުވަތަ 24 ގަޑިއިރުގެ ޚިދުމަތްދޭ ހޮޓްލައިން 1671އަށް ގުޅުމަށް މޯލްޑިވިއަނުން އެދެއެވެ. އެ އެއާލައިނުން ބުނިގޮތުގައި ނަމުގައި މައްސަލައެއް އުޅޭނަމަ ޓިކެޓު ހޯދާ ފުރަތަމަ ދުވަހު އެ މައްސަލަ ހިއްސާކުރުމުން، ހިލޭ އެ މައްސަލަ ހައްލުކޮށްދެއެވެ. އެހެންވިޔަސް، މިހާރު ވެސް އަމަލުކުރާ އުސޫލުން ޗެކިން ކުރާ ވަގުތާއި މަތިންދާބޯޓަށް އެރުމުގެ ކުރިން އައިޑީކާޑާއި ލައިސެންސް، ނުވަތަ ޕާސްޕޯޓު ބޭނުންވާނެ ކަމަށް، މޯލްޑިވިއަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ