މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އައްސަދުގެ އެންމެ ބޮޑު އަމާޒަކީ ބިދޭސީންގެ ނުފޫޒު ނިމުމަކަށް ގެނައުން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ގާނޫނީ ވަކީލު އަލްއުސްތާޒް އަސްއަދު ޝަރީފް ގެ އެންމެ ބޮޑު އަމާޒަކީ ބިދޭސީންގެ ނުފޫޒު ނިމުމަކަށް ގެނައުން ކަމަށް ހާމަކުރައްވައިފިއެވެ.
އަސްއަދު  ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަށްޓަކައި ގާނޫނީގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައެވެ. އެގޮތުން އައްސަދު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މުޅި ދައުލަތުގެ ކޮންޓްރޯލް ބިދޭސީންގެ އަތްމައްޗަށް ފުރޮޅިގެންދާގޮތަށް ގާނޫނު އަސާސީ ފަރުމާވެފައި އޮތުމެވެ. އެގޮތުން ގާނޫނު އަސާސީގެ 9 ވަނަ މާއްދާގެ 3 ވަނަ އަކުރުގައިވާ، ގާނޫނުގައިވާގޮތުގެ މަތިން ދިވެހި ރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސީއަކަށް ދިވެއްސެކޭ އެއްފަދައިން އެންމެހާ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭއިރު، ވެރިކަމުގެ ނިޒާމުގެ ތެރެއަށް ނުރަނގަޅު ނުފޫޒު ވަނުމުގެ ފުރުސަތު ބޮޑުކަމަށް އަސްއަދު ވިދާޅުވިއެވެ. އަދި އެ އަކުރުގެ ށ ގައި ދިވެހި ރައްޔިތެއްގެ ކިބައިން އެ ރައްޔިތުކަން ނިގުޅައިނުގަނެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުން، ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ބިދޭސީއަކު ދިވެހި ރައްޔިތުކަން ހޯދުމަށް ހަމައެކަނި ކުރަންޖެހޭ ކަމަކީ މުސްލިމަކަށް ވުންކަން އަސްއަދު ފާހަގަކުރެއްވިއެވެ.
އަސްއަދު އެކަން ސިފަކުރެއްވީ، ރާއްޖެ ހިފަން ބޭނުންވާ ބަޔަކު އިސްވެ ދުރާލާ ރާވައިގެން މީހަކު ތައްޔާރުކޮށް، އިސްލާމަކަށް ހަދައި، ދިވެހި ރައްޔިތުކަން ހޯދައި، މެންބަރުކަމަށް އައިސް، މަޖިލިސް މެޖޯރިޓީ ކޮންޓްރޯލްކޮށް، ދިވެހި ރައްޔިތުކަން ހޯދާފައިވާ ބިދޭސީއަކަށް ރާއްޖޭގެ ވެރިކަމަށް އާދެވޭނެގޮތަށް ޝަރުތު ކަނޑައަޅައިގެން އަޅުވެތިކަމަކަށް ރާއްޖެ ފުރޮޅައިލުމެވެ. އެކަމުގެ ނުރައްކާ ފާހަގަކުރައްވައި އަސްއަދު ވިދާޅުވީ އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވައި، ދާއިރާއާއި، މުޅި ރާއްޖޭގެ ރައްޔިތުންގެ އަމިއްލަ ވެރިކަމާއި، މުދަލާއި، އާއިލާތަކަށް އެއްވަނަ ދަރަޖައިގެ ރައްކާތެރިކަން ގާނޫނުން ކަށަވަރުކޮށްދެއްވާނެ ކަމުގައެވެ.
އެއީ އަސްއަދުގެ މައިގަނޑު އަމާޒު ކަމުގައި ވިޔަސް އެބޭފުޅާގެ އަމިއްލަ ތަސައްވުރެއް ދާއިރާއާއި މެދު އޮތްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހަމަނޭވާލެވޭ އަދި ތަނަވަސް ޖާގައިގައި ދިރިއުޅޭ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ތަނަކަށް އެދާއިރާ ހެދުމަކީ އަސްއަދުގެ މެނިފެސްޓޯ ފުރަތަމަ ބާބެވެ. އަދި އެކަންކަމުގެ ތަފްސީލާއި އެކަންކަން ތަންފީޒު ކުރައްވާނެ ގޮތް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް އަސްއަދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޗާންދަނީ މަގާއި، އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލް ސަރަހައްދުގައި އޮންނަ ތޮއްޖެހުމާއި ޕާކިިންގ މައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނީ މަގުން ހިނގައިގެން ހައްލު ހޯދުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ